ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަޙީމް މަރާލި މައްސަލައިގެ ތުހުމަތު އޮތް ހަތަރު މީހުންގެ ތެރެއިން، ލ. ގަން ވިދާތަރި އަލީ ނިފާޒު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން ކުރި އަމުރު މުރާޖަޢާ ކުރަން ދައުލަތުން ހަމަ އެ ކޯޓަށް ހުށަހަޅާފައި ވަނީ ޖިނާއި އިޖުރާޢަތުގެ ޤާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުގައި ކުރިއަށްދާ އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ނިފާޒު ބަންދު ކުރުމަށް އެ ކޯޓުން އަމުރުކުރީ ހުސްވި ޑިސެމްބަރު މަހުގެ 26 ގައެވެ. ނަދީމް މަރާލިކަމުގެ ތުހުމަތުގައި ގ. ޝާރާޒް މުހައްމަދު މަފާޒުގެ މައްޗަށް ދައުވާ ކުރާއިރު، ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް ދައުވާ ކުރަނީ ނަދީމު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން، ކްރިމިނަލް ކޯޓުގައި މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމުން، ކުށް ސާބިތު ނުވާ ކަމަށް 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު، ކްރިމިނަލް ކޯޓުން ކަނޑަ އެޅުމުން އެމީހުން މިނިވަންވިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ޙުކުމާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހަމަ އެއާއެކު އެމީހުންގެ ކުށުގެ ރެކޯޑަށް ބަލައި ބަންދު ކޮށްދިނުމަށް ވެސް ހައިކޯޓުގައި އެދުނެވެ.
ނަމަވެސް ހައިކޯޓުން ނިންމާފައި ވަނީ މި މައްސަލައިގައި އެ މީހުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާތީ، އެމީހުން ބަންދުގައި ބައިތިއްބެން ނެތް ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތު އޮތް މަފާޒް ހުރީ އެހެން މައްސަލައެއްގައި ބަންދު ކޮށްފައިކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މިމަހު ހަތް ވަނަ ދުވަހު ސުޕްރީމް ކޯޓުން، ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރިއެވެ. އަދި މުޖުތަމައަށް ނުރައްކަލެއް އޮއްތޯ، އޭގެތެރެއިން ކޮންމެ މީހެއްގެ ހާލަތު ހައިކޯޓުން ވަކިން ވަޒަންކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމާމެދު ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ހައިކޯޓަށް ތަހުވީލު ކުރާ ކަމަށްވެސް ހުކުމް ކުރިއެވެ.
އެކަމާ ގުޅިގެން އެ މައްސަލަ ބަލައި ހައި ކޯޓުން ޑިސެމްބަރު 26 ގައި ކުރި ހުކުމުގައި ވަނީ ހުސެއިން ޝާމިން އާއި ކަރަމް ސުހެއިލް އާއި މަފާޒް ހުސެއިން ސަލީމް ބަންދު ކުރާނެ ހާލަތެއް މިވަގުތަކު ނެތް ކަމަށެވެ. ނަމަވެސް އަލީ ނިފާޒްގެ ހާލަތަށް ރިއާޔަތް ކުރާއިރު މި މައްސަލައިގެ އިސްތިއުނާފީ ޝަރީއަތް ނިމެންދެން އަލީ ނިފާޒު ބަންދު ކުރަންޖެހޭ ކަމަށް ކަނޑައަޅައި އެދުވަހުން ފެށިގެން މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދު ކުރުމަށް ވެސް ހައިކޯޓުން އަމުރު ކުރިއެވެ.
ނަމަވެސް އެ އަމުރު މުރާޖަޢާ ކޮށްދިނުމަށް މިމަހުގެ ފަސް ވަނަ ދުވަހު ދައުލަތުން ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ، ކޮންމެ 30 ދުވަހަކުން ބަންދު މުރާޖައާ ކުރަން ޖެހޭނީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ)ގެ ދަށުން ބަންދު ކުރާ މީހުންގެ ކަމަށެވެ. ޝަރީއަތް ނިމެންދެން އަލީ ނިފާޒް ހައިކޯޓުން ބަންދު ކޮށްފައި ވަނީ ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ)ގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.
އެ މާއްދާގެ ދަށުން ބަންދުގައި ބަހައްޓަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފިނަމަ، އެ ޤާނޫނުގެ ތިންވަނަ ބައިގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށް ދިނުމަށް ފަނޑިޔާރުންގެ ކިބައިން އެދުމުގެ އިޚްތިޔާރު ލިބެނީ އެމީހާއަށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ނިފާޒް ބަންދު ކުރުމަށް ހައިކޯޓުން ކުރި އަމުރު މުރާޖައާ ކޮށްދިނުމަށް ދައުލަތުން ހުށަހަޅާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ހިލާފަށް ކަމަށާއި، އެގޮތަށް ހައިކޯޓުން ބަންދު ކޮށްފައިވާ ފަރާތެއްގެ ބަންދު މުރާޖައާ ކުރަން ހައިކޯޓަށް ހުށަނޭޅޭނެ ކަމަށްވެސް ހުކުމްގައި ވެއެވެ.