ކުށްޖަކު ނިޔާވި މައްސަލައެއްގައި ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ކުރި ދައުވާ ބެލޭނެ ކަމަށް ނިންމައިފި

ކުށްޖަކު ނިޔާވި މައްސަލައެއްގައި ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ކުރި ދައުވާ ބެލޭނެ ކަމަށް ނިންމައިފި

ކުށްޖަކު ނިޔާވި މައްސަލައެއްގައި ބަދަލު ހޯދުމަށް ދައުލަތުގެ މަށްޗަށް ހުށަހަޅާފައިވާ ދައުވާއެއް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ދައުލަތް ހިމެނޭހެން ހެލްތު މިނިސްޓްރީގެ މައްޗަށް މި ދައުވާ ކޮށްފައި ވަނީ، ޏ. ފުވައްމުލައް ފުނާޑު ނޫރީފެހި ސައުދުﷲ އަހްމަދު ހަސަންދީދީ އާއި މާދަނޑު އެއްގަމިގެ ސަފިއްޔާ އިބްރާހިމް ހަސަންއެވެ. މިއީ ގެއްލުމުގެ ބަދަލު ހޯދުމަށް އެފަރާތްތަކުން ހުށަހަޅާފައިވާ ދައުވާއެކެވެ.

މި ދައުވާގައި ބުނަނީ، ޏ. ފުވައްމުލައް ފުނާޑު ނޫރީފެހި ސާދާ ސައުދުﷲ ހަސަން، ވަރަށް ބޮޑަށް ބަނޑުގައި ރިއްސައި ހޮޑުލެވޭތީ އެއްދުވަހުގެ ހެނދުނު 9:15 ގައި ފުވައްމުލަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރި ކަމަށެވެ. ނަމަވެސް އެ ހިސާބުން ފެށިގެން ފުވައްމުލަކު ހޮސްޕިޓަލްގެ ނަރުހުންނާއި، ޑޮކްޓަރުންނާއި، އެހެނިހެން މުވައްޒިފުންގެ އިހުމާލުން ހަމައެދުވަހު އެކުއްޖާ ނިޔާވެފައިވާ ކަމަށެެވެ. އެ ކުއްޖާގެ މައިން ބަފައިންގެ ގޮތުން އެ ދެމީހުން ކޯޓަށް ހުށަހަޅާފައި ވަނީ، މިކަމާގުޅިގެން އެ ކުއްޖާގެ މައިން ބަފައިންނަށް ލިބިފައިވާ، ލިބެމުންދާ އަދި ލިބޭނެ މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު އިއްވެވި ހުކުމުގައި ވަނީ، ދައުލަތުގެ މައްޗަށް މި ދައުވާ އުފުލުމުން، ދައުވާ ފޯމާއި، އެ ފޯމާއެކު ފޮނުވަންޖެހޭ ލިއުންތައް ދިވެހި ދައުލަތަށް ފޮނުއްވި ކަމަށެވެ. ނަމަވެސް ދައުވާއަށް ރައްދު ދިނުމުގެ ބަދަލުގައި، ދައުވާފޯމާ ހަވާލުވިކަން އަންގައިދޭ ލިއުން ހުށަހެެޅުމަށްފަހު، ކޯޓުގެ އިހްތިސޯސްއާމެދު ސުވާލު އުފައްދައި ދައުލަތުން ހުށަހެޅީ ކޯޓުގެ އިހްތިސޯސާމެދު އިއުތިރާޒްކުރާ ފޯމު ކަމަށްވެސް ވެއެވެ.

ކޯޓުގެ އިހްތިސޯސާމެދު ދައުލަތުން ސުވާލު އުފެއްދި ދެ ޕޮއިންޓަށް ރައްދު ދެއްވުމަށްފަހު، އެ ހުކުގައި އިސްގާޒީ ވިދާޅުވެފައި ވަނީ، މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ދައުވާލިބޭ ފަރާތްތަކަށް، ކޯޓުގެ އިޙްތިސޯސާމެދު އިއުތިރާޒުކޮށް މައްސަަލަ ހުށަހެޅުމުގެ ހައްގު ލިބިދީފައި ވީނަމަވެސް، މި ހައްގަކީ އެއްވެސް ހުދޫދެއް ނެތްގޮތަށް ބޭނުން ކުރުމަށް ދޫކޮށްފައިވާ ހައްގެއްނޫން ކަމަށެވެ.

ދައުވާލިބޭ ފަރާތަށް ލިބިފައިވާ މި ހައްގު ބޭނުން ކުރުމުގައި މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ޢާންމު މަޤްސޮދާއި، އެންމެ އަސާސީ މަޤްސޮދު ތަކަށް އަދި ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއްގައިވެސް މައްސަލައިގެ ހަސްމުން ޢަމަލު ކުރަން ވާނީ، ހެޔޮ ނިޔަތުގައި ކަމުގައި ބަޔާން ކޮށްފައިވާ އުސޫލު ތަކުގެ ތަރަޙައިގެ ތެރެއިން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެގޮތުން އެއްވެސް އަސާސެއްނެތް ބޭކާރު އިޖުރާޢީ ކަންކަން ފާހަގަކޮށް، ޤާނޫނީ އެއްވެސް ބުރަދަނެއް ނެތް ކަންކަން ނަގައި މައްސލަ ލަސް ކުރުމުގެ ބޭނުމުގައި ކޯޓުގެ އިޙްތިސޮސާމެދު ސުވާލު އުފެއްދުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު ތަސައްވުރު ކޮށްފައި އޮތް ގޮތެއްނޫން ކަމަށްވެސް ވިދާޅުވެފައިވެއެެ. އަދި ޚާއްސަކޮށް ޢާންމު ރައްޔިތަކާއި ޚިލާފަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އަސާސްތައް ނެގެހެއްޓުމުގެ ޒިންމާ ދައުލަތުގެ މައްޗަށް ބޮޑުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެ ދައުވާ ބަލައި ކުރިއަށް ގެންދިއުމުގެ އިހުތިސާސް ކޯޓަށް ލިބިގެން ވާކަމަށް ކަނޑައަޅައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އާއްމު މަޤްސޮދާއި އެ ޤާނޫނުގެ އެންމެ އަސާސީ މަޤްސޮދު ތަކަށް، އަދި ޝަރީއަތުގެ ހުރިހާ މަރުޙަލާއެއްގައިވެސް، އެ މައްސަލައިގެ ހަސްމުން ޢަމަލު ކުރަން ވާނީ ހެޔޮ ނިޔަތުގައި ކަމަށް ބަޔާން ކޮށްފައިވާ އުސޫލުތައް ނެގެހެއްޓުމަށް  ދައުލަތަށް ނަސޭހަތްތެރިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *