ރަށެއް ސިޓީއަކަށް ބަދަލުވުން: ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް

ރަށެއް ސިޓީއަކަށް ބަދަލުވުން: ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް

ރަށެއް ސިޓިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން، އެ ރަށުގެ ރަށު ކައުންސިލަކީ، ސިޓީ ކައުންސިލަކަށް ބަދަލުކޮށް ޤާނޫނުގެ ދަށުން ސިޓީ ކައުންސިލަކަށް ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް، ޤާނޫނީ ގޮތުން ލިބިދީ، އަދި ސިޓީއަކުން ލިބިދޭންޖެހޭ ކަމަށް އެ ޤާނޫނުގައި ބަޔާންކުރާ އެންމެހައި ޚިދުމަތްތައް އެ ކައުންސިލަށް ދިނުން ޤާނޫނީ ގޮތުން ލާޒިމު ކުރުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޙސާން ހުސެއިންއެވެ.

ޤާނޫނަށް މި އިސްލާހު ގެންނަން ހިސާން ހުށަހަޅުއްވާފައި ވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީގެ ސަރުކާރުން ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާކަން އިއުލާންކުރި ނަމަވެސް، އެ ކައުންސިލްގެ ހައިސިއްޔަތާ މެދު ކަންބޮޑުވުން ތަކެއް ހުރިކަމަށް ބުނެ، އެ ކަންބޮޑުވުންތައް އެ ކައުންސިލުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅާފައި ވަނިކޮށެވެ.

ޙިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށަކުން ނުވަތަ ރަށްތަކުން، އެރަށެއް ނުވަތަ އެ ރަށްތައް ތަމްސީލްކުރާ ކައުންސިލްގެ ދައުރު ހަމަވުމުން، އެއް އަހަރު ދުވަހަށްވުރެން ކުރު މުއްދަތެއް އޮތް ނަމަ، އެ ކައުންސިލެއްގެ ދައުރު ހަމަވުމުގެ ހަ މަސް ދުވަސް ކުރިން މި ޤާނޫނުގައި ބަޔާންކުރާ އެންމެހައި އިޖުރާއަތުތައް ފުރިހަމަކޮށް ނިންމަންވާނެ ކަމަށެެވެ. އަދި އެ ރަށަކަށް ނުވަތަ ރަށްތަކަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އެ ސަރަހައްދު ސިޓީއަކަށް ބަދަލު ވުމުންކަން ކަނޑައެޅުމަށްފަހު، އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިޚާބަށް ފަހުގައެވެ.

ކައުންސިލްގެ ދައުރު ހަމަވުމަށް އެެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ، އެ ރަށަކީ ސިޓިއެއް ކަމުގައި ކަނޑައަޅައި، އެ ރަށް ސިޓީއަކަށް ބަދަލުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ރަށެއް ސިޓީއަކަށް ބަދަލުވެއްޖެނަމަ، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިޚާބު ކޮށްފައި އޮތް ރަށު ކައުންސލް އެ ރަށުގެ ސިޓީ ކައުންސިލަށް ބަދަލުވާނެ ކަމަށާއި، ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އެ ސިޓިގެ މޭޔަރަށާއި ޑެޕިއުޓީ މޭޔަކަށް ބަދަލުވާނެ ކަމަށާއި، މި ގޮތަށް ބަދަލުވާ ސިޓީކައުންސިލް ދެމި އޮންނާނީ އެގޮތުން ބަދަލުވި ރަށު ކައުންސިލްގެ ދައުރު ހަމަވަންދެން ކަމަށްވެސް ބުނެފައިވެއެވެ.

ހަމަ އެގޮތަށް ރަށް ސިޓީއަކަށް ބަދަލުވުމާއެކު، ސިޓީކައުންސިލަކަށް މި ގާނޫނުގެ ދަށުން ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތަށް، އެ ކައުންސިލަށް ލިބިގެންވާ ކަމަށާއި، ސިޓީއަކުން ލިބިދޭންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ އެންމެހައި ހިދުމަތްތައް އެ ސިޓީއަކުން ލިބިދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *