ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު: ފެއްޓެވީ ތ. އަތޮޅުން

ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު: ފެއްޓެވީ ތ. އަތޮޅުން

ކޮޅުމަޑުލުގެ ރަށްތަކަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެ އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ތ. ގުރައިދުއަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅު ތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ރިޔާސީ އިންތިޚާބުގައި އެއް ރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރަށަކަށް ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ތ. ގުރައިދޫއަކީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިވަޑައިގެންނެވި ރަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކޮޅުމަޑުލުގެ އެކި ރަށްރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު އެރަށް ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށާއި އަދި އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލު ކުރައްވާނެއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި އެރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑު އައްސަވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނު ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެ ކަމަށާއި، އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގައިވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *