މޯލްޑިވްސް ރިފޯމް މޫވްމަން (އެމްއާރުއެމް) ގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތަށް ކޮންމެ އަހަރަކުވެސް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ހުށަހެޅުމަކީ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ކަމެކެވެ. އެމްއާރުއެމްއިން ބުނެފައިވަނީ ޤާނޫނުގައި ބުނާގޮތަށް 2021 ވަނަ އަހަރުގެ އެޕާޓީގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓް ރޭ އެޕާޓީގެ އެގްޒެކެޓިވް ކޮމިޓީން ފާސްކޮށްފައިވާކަމަށެވެ.
ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު4/2013) ގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މި ޕާޓީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓް ރޭ ބޭއްވި ބައްދަލަވުމުގައި މި ޕާޓީގެ އެގްޒެކެޓިވް ކޮމިޓީން ފާސްކޮށް، މިއަދު ވާނީ އެ ކޮމިޝަނަށް ހުށަހަޅާފަ.
– އެމްއާރުއެމްއިން ބުނެފައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވަނީ ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓު ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެކަމަށެވެ.
އެމްއާރުއެމްއިން ރިޕޯޓްތައް ހުށަހެޅި ނަމަވެސް އެޕާޓީއަކީ މިއަހަރަށް ފައިސާ ލިބޭ އަދަދަށް މެމްބަރުން ހަމަނުވުމުން ފައިސާ ދޫކުރާ ލިސްޓުގައި ހިމެނޭ ޕާޓީއެއް ނޫނެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީގެ ތެރެއިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅި 3 ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ވަނީ ފޮނުވާފައެވެ. ރިޕޯޓް ހުށަ ނާޅާތީ މިހާރު ފައިސާ ދޫކުރަން ހުށަހަނާޅާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ.
ހަތަރު ސިޔާސީ ޕާޓީއަކަށް ދޫކުރާ ފައިސާތަކުގެ އަދަދު:
އެމްޑީޕީ، 54،660 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ
ޕީޕީއެމް، 34،237 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ
ޖޭޕީ، 20،107 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ
އަދާލަތު ޕާޓީ، 10،554 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.





