ނާކާމިޔާބުވީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން: ޓްރަމްޕަށް އޭނާގެ ނައިބު ރައީސްގެ ނުސީދާ ފާޑުކިއުން

ނާކާމިޔާބުވީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން: ޓްރަމްޕަށް އޭނާގެ ނައިބު ރައީސްގެ ނުސީދާ ފާޑުކިއުން

އެމެރިކާގެ މިޑްޓަރމް އިންތިހާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީ ލިބުނު ސަބަބަކީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ކަމަށް ބުނެ، އެމަރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ނުސީދާ ގޮތުން ފާޑުކިޔުން އަމާޒުކުރައްވައިފި އެވެ.

ކޮންގްރެސްގެ ދެ ގެވެސް އިދިކޮޅު ޑިމޮކްރެޓުންނަށް ކާމިޔާބުވީ ހަނގުރާމައިގެ ސަބަބުން ކަމަށް ވެންސް ވިދާޅުވެ، ހިންހަމަނުޖެހުން ފާޅުކުރައްވައިފިއެވެ. މިއީ 2028 ގެ ރިޔާސީ އިންތިހާބަށް ވެންސް ފެށި ކެމްޕެއިނެއް ކަމަށް ބެލެވެއެވެ.

ރިޕަބްލިކަން ޕާޓީގެ ބައެއް އިސް ބޭބޭފުޅުން އަންނަނީ ޓްރަމްޕްގެ ހަނގުރާމައިގެ ސިޔާސަތު ފެއިލްވެއްޖެކަމަަށް ވިދާޅުވެ ފާޅުގައި ފާޑުކިޔުން އަމާޒުކުރައްވަމުންނެވެ.

އެހެންނަމަވެސް، ހަނގުރާމައިގެ ސަބަބުން އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ހުރަސްއެޅުނު ކަމަށް ޓްރަމްޕް ވިދާޅުވެ، އިންތިހާބުން ބަލިވީ ހަނގުރާމަ އެކަނި ސަބަބުން ނޫން ކަމަށާއި، އަލުން ކުރަންޖެހިއްޖެނަމަވެސް އެކަން ކުރާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެކަން ދިފާއުކުރައްވާފައެވެ.

ފެބްރުއަރީ މަހު ޓްރަމްޕް ފެށި މި ހަނގުރާމައިގައި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެޕްރީލް މަހު ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ހަނގުރާމަ މަޑުޖެހިއްޖެހުނެވެ. އޭގެފަހުން އީރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ބިރުދައްކަން ފަށާފައިވެއެވެ. ހަނގުރާމަ ނިންމުމަށް ޤަތަރާއި ޕާކިސްތާނުން މެދުވެރިވެ މަސައްކަތް ކުރި ނަމަވެސް، އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްވާނެކަމުގެ ނިޝާނެއް ނުފެނޭ ކަމަށް ދާރިސުން ބުނެއެވެ.

ހަނގުރާމައާ ބެހޭ ހިތްހަމަނުޖެހުމާއި ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ޑިމޮކްރެޓުންނަށް ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ދިފާއީ ވަޒީރު ޕީޓް ހެގްސެތު ހިމެނޭހެން ޓްރަމްޕް އެޑްމިނިސްޓްރޭޝަންގެ އިސް އޮފިޝަލުންނަށް ކޮންގްރެސްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

އީރާނާ ދެކޮޅަށް އަލުން ހަމަލާދިނުމުގެ އިހުތިޔާރުތަކާ ބެހޭ ގޮތުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ޓްރަމްޕާ ހިއްސާކޮށްފައިވެއެވެ. ހަމަލާދިން ނަމަވެސް އީރާނުގެ ސަރުކާރު ބަދަލުނުވާނެ ކަމަށް ޖާސޫސީ އިދާރާތަކުން ބުނި ނަމަވެސް، އިންތިހާބު ނިމިފައިވާތީ ޔަހޫދީ ދައުލަތާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަކީ އެކަށީގެންވާ ކަމެއްކަމަަށް މަސްދަރުތަކުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *