ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ތާލިބާންގެ ބާނީ ބަރަދަރުގެ ނަން ހިމަނައިފި

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ތާލިބާންގެ ބާނީ ބަރަދަރުގެ ނަން ހިމަނައިފި

މަޝްހޫރު ޓައިމް މެގަޒިންއިން 2021 ވަނަ އަހަރު ހޮވި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓުގައި، އަދި އެ ލިސްޓުގެ ލީޑަރުންގެ ކެޓަގަރީގައި، ތާލިބާން ޖަމާއަތުގެ އެއް ބާނީ، އަދި އެޖަމާއަތުން އަފްއާނިސްތާނުގައި އުފެއްދި އާ ސަރުކާރުގެ ބޮޑުވަޒީރުގެ ނައިބު، އަބުދުލް ޢަނީ ބަރަދަރުގެ ނަން ހިމަނައިފިއެވެ.

ދުނިޔޭގެ މިވަގުތު ތިބި އެންމެ ނުފޫޒުގަދަ 100 ލީޑަރުންގެ ލިސްޓުގައި ބަރަދަރުގެ ނަން ހިމަނަމުން، ޓައިމް މެގަޒިންއިން އޭނާ ސިފަ ކޮށްފައިވަނީ، "މީހުންގެ ހިތްތައް ދަމައިގަނަން އަސްކަރީ ލީޑަރެއްގެ އިތުރުން، އަޅުވެރި ދީނީ ޝަޚުސިއްޔަތެއް"ގެ ގޮތުގައި ވެސްމެއެވެ. އަދި އޭނާއަކީ، "އަފްއާނިސްތާންގެ މުސްތަގުބަލު އެމީހަކަށް ބައްޓަންވެގެންދާ މުހިންމު" މީހެއްކަމުގައި ޓައިމް މެގަޒިންގައި އޭނާގެ ޝަޚުސިއްޔަތު ސިފަކުރަމުން ލިޔެފައި ވެއެވެ.

އެމެރިކާގެ އެހީތެރިކަމުގައި އަފްއާނިސްތާނުގައި ވެރިކަން ކުރަމުންއައި ކުރީގެ ސަރުކާރު ބަލިކޮށް ތާލިބާން ޖަމާއަތުން، އަފްއާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވަނީ ފާއިތިވެދިޔަ އޮގަސްޓު މަހުގެ 15ވަނަ ދުވަހުއެވެ. އަދި އޭގެ 3 ހަފްތާފަހުން ތާލިބާން ޖަމާއަތުންވަނީ، އެޖަމާއަތުގެ އިސް ގިނަ ފަރާތްތައް ހިމަނައިގެން އަފްއާނިސްތާނުގައި އާ ސަރުކާރެއް އެކުލަވާލާފައެވެ.

ތާލިބާން ޖަމާއަތުން އެކުލަވާލި އާ ސަރުކާރުގައި، ބޮޑުވަޒީރުގެ ނާއިބަކަށް ބަރަދަރު ހަމަޖެއްސި ނަމަވެސް، އާސަރުކާރު އެކުލަވާލެވިފައިވާ ގޮތާއި ގުޅޭގޮތުން ތާލިބާން ޖަމާއަތުގެ ލީޑަރޝިޕްގައި ބޮޑެތި ޚިޔާލުތަފާތު ވުންތަކެއް ހުރިކަމުގައި ދާދިފަހުން މީޑިއާ ރިޕޯޓުތައް ވަނީ ބުންނަ ފަށާފައެވެ.

ބީބީސީން މި ހަފްތާގެ އަންގާރަދުވަހު، ތާލިބާން ޖަމާއަތުގެ އިސްބައެއް ފަރާތްތަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެޖަމާއަތުގެ އިސްފަރާތްތަކުގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިގެން ދިޔައީ، އަފްޢާނިސްތާނުގައި ތާލިބާން ޖަމާއަތުން ހޯދި ކާމިޔާބު އަސްލު ހައްގުވެރިންނަކީ ކޮންބައެއް ކަމާމެދުގައެވެ. އަދި ބަރަދަރު ގަބޫލުރައްވާ ގޮތުގައި، ތާލިބާން ޖަމާއަތުން ހޯދި ބޮޑެތި ކުރިއެރުންތަކުގައި، އޭނާގޮތަށް ޑިޕްލޮމެޓިކް ބޮޑތެި މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަކުގެ ހިއްސާ ތާލިބާން ސަރުކާރެއްގައި ބޮޑުވާން ޖެހޭނެކަމަށް ދެކޭކަމަށްވެސް، ތާލިބާން ޖަމާއަތުގެ އިސްބައެއް ފަރާތްތަކާ ހަވާލާދީ ބީބިސީން ރިޕޯޓު ކޮށްފައި ވެއެވެ.

އެހެންނަމަވެސް، ހަމަ އެފަދައިން، ތާލިބާން ޖަމާއަތުގެ ތެރޭގައި ހިމެނޭ ބައެއް އިސްވެރިން އިސްވެ ތިއްބަވައިގެން ހިންގާ ޕެރަމިލިޓަރީ ގުރޫޕެއް ކަމުގައިވާ ހައްޤާނީ ގުރޫޕުން ދެކޭ ގޮތުގައި، އަފްއާނިސްތާނުގައި ތާލިބާން ޖަމާއަތުން ހޯދި ބޯޑެތި ކުރިއެރުންތަކުގެ ފަހަތުގައި އޮތީ އެގުރޫޕެވެ. ތާލިބާނުން ޖަމާއަތުން އެކުލަވާލި ސަރުކާރުގެ އިންޓިރިއަރ މިނިސްޓަރަކީ ހައްޤާނީ ގްރޫޕުގެ ލީޑަރެވެ.

އެހެންނަމަވެސް، އަފްއާނިސްތާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަރވިއުއްގައި ބަރަދަރު ވަނީ ތާލިބާން ޖަމާއަތުގެ އިސްފަރާތްތަކުގެ މެދުގައި ޚިޔާލުތަފާތުވުން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގު ކުރައްވާފައެވެ. "މީޑިއާއިން އެބަ ބުނޭ އެތެރޭގެ ހަމަނުޖެހުންތަކެއް އުޅޭކަމަށް. އަހަރެމެންގެ މެދުގައި އެފަދަ އެއްވެސް ކަމެއް ނެތް. އެއީ ހުސް ދޮގު."

ޔޫއެންގެ ސެންކްޝަން ނޯޓިސްގައި ބުނެފައިވާ ގޮތުން، ބަރަދަރުއަކީ، އަފްއާނިސްތާނުގައި ކުރީގެ ސަރުކާރުގެ ދުވަސްވަރު، ކޯލިޝަންގެ ބާރުތަކަށް ހަމަލާ ދިނުމުގެ ހުރިހާ ޒިންމާއެއް ހަވާލުކުރެވިފައިހުރި، އަސްކަރީ ކޮމާންޑަރެވެ.

އަދި އޭނާވަނީ، 2010ވަނަ އަހަރު ޕާކިސްތާނުގައު ހައްޔަރު ކުރެވި ޖަލަށް ލެވިފައެވެ. އެހެންނަމަވެސް، 2018ވަނަ އަހަރު އޭނާ ޖަލުން މިނިވަން ވުމަށްފަހު، އޭނޭ ހުންނެވީ ދޯހާގައި ހުންނަ ތާލިބާން ޖަމާއަތުގެ ސިޔާސީ އޮފީހުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައެވެ. އަދި އޭނާ ވެގެންދިޔައީ އޭރު އެމެރިކާއާއި ތާލިބާން ޖަމާއަތާ ދެމެދު ކުރިޔަށްދިޔަ މަޝްވަރާތަކުގެވެސް އެންމެ އިސްފަރާތުގެ ގޮތުގައެވެ.

"ބަރަދަރު.. ތަމްސީލު ކުރަމުންދަނީ ތާލިބާން ޖަމާއަތުގެ ތެރޭގައި އޮތް މެދުމިނުގެ އޮއިވަރެއް، އަދި އެއީ ހުޅަނގުގެ ރުހުން ހޯދާ، އަދި އަފްއާނިސްތާނު ސަރުކާރަށް ކޮންމެހެން ބޭނުންވެފައިވާ މާލީ އެހީތެރިކަން ހޯދުމުގައި ތާލިބާން ޖަމައަތަށް އޮތް އެންމެ ބޮޑު އުއްމީދަކީވެސް މިއީ. ސުވާލަކީ، އެމެރިކާ ސިފައިން އަފްއާނިސްތާނުން ބޭލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި މީހާއަށް، އޭނާގެ ހަރަކާތް ކުރިޔަށް ގެންދެވޭނީ ކިހާ މިންވަރަކަށްތޯ،" ޓައިމް މެގަޒިންގައި ލިޔެފައި ވެއެވެ.

އެމެރިކާ ސިފައިން 20 އަހަރު ވަންދެން އަފްއާނިސްތަނުގައި ތިބުމަށްފަހު އެގައުމު ދޫކޮށް ގޮސްފައިވަނީ ފާއިތުވެދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *