ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް މިދިޔަ މަހު މުސާރައިން ބައެއް މަދުން ޖަމާވެފައިވާ މައްސަލައާއި އބައެއް މުވައްޒަފުންނަށް އިތުރަސް ޖަމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މި ނިމުނު އޮގަސްޓް މަހުގެ މުސާރަ ޖަމާކުރިއިރު ހެލްތު ސެކްޓަރގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާކުރުމުގައި އުނި އިތުރު އައިސްފައިވާ މައްސަލަ އާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، 2021 އޮގަސްޓްމަހުގެ މުސާރަ މުވައްޒަފުންނަށް ޖަމާކުރިއިރު ހެލްތު ސެކްޓަރގައި މަސައްކަތް ކުރާ 1796 މުވައްޒަފުންނަށް މުސާރައިގެ އުނި އިތުރު އައިސްފައިވާކަން ވަނީ ފާހަގަ ކުރެވިފައިކަމަށެވެ. ބައެއް މުވައްޒަފުންނަށް އިތުރަށް ފައިސާ ޖަމާކުރެވިފައިވާއިރު ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައިވަނީ މަދުންކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ
މިކަން މި މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ 31 އޮގަސްޓް 2021 ވަނަ ދުވަހުގެރޭ 7:45 ގައެވެ. މިގޮތަށް ދިމާވެފައިވަނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުންނެވެ. މި މައްސަލަ ފާހަގަ ކުރެވުމާއެކު ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
– ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރިން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ އުނިވެފައިވާ ފަރާތްތަކަށް އެ ފައިސާ ދިނުމާއި އިތުރަށް ދެވިފައިވާ ފައިސާ, އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރަ އާއި ގުޅުންހުރި މަސައްކަތްތައް ރާވާފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.





