އަމިއްލަ ދަރިއުޅާމެދު ޖިންސީ އަމަލު ހިިންގަން ހިއްވަރުދީ އެކަން ކުރުވި މީހަކު ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
މިމައްސަލައިގައި ހުކުމް ކުރީ، ހދ. ކުޅުދުއްފުށީ ޕެންޒީމާގޭ ނަަސީމާ އަލީގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކުޅުދުއްފުށީ ކޯޓުގައި ދައުލަތުން ދެ ދައުވާއެއް ކުރިއެވެ.
ފުރަތަމަ ދައުވާއަކީ، 2014 ވަނަ އަހަރުން ފެށިގެން ނަސީމާގެ އަންހެން ދަރިއަކަށް ތަފާތު އެކި ދުވަސްމަތިން ޖިންސީ އަމަލު ހިންގުމަށް މާލޭ، ހ. ގޯލްޑަންޝަވާ މަހްމޫދު ހުސެއިންއަށް ހިތްވަރުދީ އެކަމަށ މަގުފަހިވާނެ ގޮތަށް އަމަލުކޮށްފައިވާތީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްްޖަޚާމެދު ޖިންސީ އަމަލެއް ހިންގުވުމުގެ ކުށުގެ ދައުވާއެވެ.
ދެވަނަ ދައުވާއަކީ އެކުއްޖާއާމެދު އެ މީހާ ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާތީ، ކުޑަ ކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާއެވެ.
މިކަމުގައި ހިމެނޭ މަހްމޫދު ހުސެއިންއަކީ ބޮޑުބޭބެއެއްގެ މަގާމުގައި ހުރެ، އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ 17 އަހަރާއި ހަމަހަށް ޖަލަށްލާން ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން 2016 ވަނަ އަހަރު ހުކުމް ކޮށްފައިވާ މީހެކެވެ.
ކުޅުދުއްފުށީ ކޯޓުގައި ނަސީމާގެ މައްޗަށް ކުރި ދައުވާގައި، އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށުން ނަސީމާ ކުށްވެރިވާކަމަށް ކަނޑައަޅައި، 18 އަހަރުގެ މުއްދަތަށް އަދި، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާތީ ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމް ކުރިއެވެ.
ނަމަވެސް އެ ހުކުމްތައް ނަސީމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.
އެ މައްސަލަ ހައިކޯޓުން ބެލުމަށްފަހު، މި މައްސަލަ ދަށުކޯޓުގައި ހިންގިއިރު މައްސަލައިގެ ލިއުންތައް ނަސީމާ އަށް ލިބުނުކަން ކަށަވަރު ނުކުރެވޭކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮންނަށް ކަަމަށްބުނެ، ގާނޫނުއަސާސީ ގައި ބަޔާންކުރ،ާ ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަސީލަތް ނަސީމާއަށް ލިބިދީފާއި ނުވާ ކަމަށް ކަނޑައަޅައި، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބަތިލް ކުރިއެވެ.
ނަމަވެސް ހައިކޯޓުގެ އެ ނިންމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
މި މައްސަލަ ބެލުމަށްފަހު، އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، ސީމާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިނ،ް ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި ދަށު ކޯޓުން ނަސީމާ އަލީއަށް އެކަށީގެންވާ ވަސީލަތް ލިބިދީފައި ނުވާކަމަށް ބެލެވޭނެ ތަނެއް ނެތުމުނ،ް މި ދެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރިއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ކޯޓުގައި ނަސީމާގެ މައްޗަށް ކުރި ދައުވާގައި، އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށުން ނަސީމާ ކުށްވެރިވާކަމަށް ކަނޑައަޅައި، 18 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމާއި، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާގައި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރި ހުކުމަށް ސުޕްރީމް ކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކޮށް ވަނީ ހުކުމްކޮށްފައެވެ.





