2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެކްސްކްލޫސިވް ބްރޯޑްކާސްޓިންގ ރައިޓްސް އިސްޕޭނާއި އެންޑޯރާގައި ދެއްކުމަށްޓަކައި މަޝްހޫރު ސްޓްރީމިންގ ހިދުމަތް ނެޓްފްލިކްސް އިން ހޯދައިފިއެވެ.
މިއީ އމސްޕޭނުގައި ފިރިހެނުންގެ ބޮޑު ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއް ދެއްކުމުގެ ހައްގު ނެޓްފްލިކްސްއިން ހޯދި ފުރަތަމަ ފަހަރެވެ. މިއެއްބަސްވުމުގެ ދަށުން މުބާރާތުގެ 104 މެޗު ނެޓްފްލިކްސް މެދުވެރިކޮށް ވަގުތުން ލައިވްކޮށް ސްޓްރީމް ކުރެވޭނެއެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ވޯލްޑް ކަޕް މުބާރާތަށް 100 އަހަރު ފުރޭ ތާރީޚީ މުބާރާތެވެ. މި މުބާރާތް އިންތިޒާމު ކުރަނީ ސްޕޭން، މޮރޮކޯ އަދި ޕޯޗުގަލް ގުޅިގެންނެވެ. މީގެ އިތުރުން ސެންޓެނަރީ ފާހަގަކުރުމުގެ ގޮތުން މުބާރާތުގެ ފުރަތަމަ މެޗުތައް އާޖެންޓީނާ، ޕެރަގުއޭ އަދި އުރުގުއޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތް ކުރިއަށްދާ ކޮންމެ ދުވަހަކު މަދުވެގެން އެއް މެޗު އިސްޕޭނުގެ ރައްޔިތުންނަށް ހިލޭ ބެލޭނެ ގޮތް ހަމަޖައްސައިދިނުމަށް ނެޓްފްލިކްސްއިން ވަނީ އެއްބަސްވެފައެވެ. ސްޕޭނުގެ ގައުމީ ޓީވީ ޗެނަލަކަށް ސްޕޭން ކުޅޭ މެޗުތަކާއި، ސެމީ ފައިނަލް ދެ މެޗު އަދި ފައިނަލް މެޗު ދެއްކުމުގެ ޕެކޭޖެއް ދިނުމަށް ނެޓްފްލިކްސްއިން ވަނީ ނިންމާފައެވެ.
މެޗުތަކުގެ އިތުރުން ސްޕޭނުގެ ކުޅިވަރުގެ ނަޒަރިއްޔާތުން ތައްޔާރުކުރެވޭ މެޗުގެ ކުރިއާއި ފަހުގެ ޝޯތަކާއި، ކޮންމެ ދުވަހެއްގެ ހައިލައިޓްސް ޝޯތައްވެސް ނެޓްފްލިކްސްއިން ގެނެސްދޭނެއެވެ.
ނެޓްފްލިކްސްއިން ދަނީ ކުޅިވަރުގެ ދާއިރާއަށް ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އެގޮތުން އެ ކުންފުނިން ވަނީ 2027 އާއި 2031 ވަނަ އަހަރުގެ ފީފާ އަންހެނުންގެ ވޯލްޑް ކަޕް ދެއްކުމުގެ ހައްގުތަކުގެ އިތުރުން NFL، MLB، WWE އަދި ބޮކްސިންގ މެޗުތައް ސްޓްރީމްކުރުމުގެ ހައްގުތައްވެސް ހޯދާފައެވެ. މި އެއްބަސްވުމުގެ މާލީ ތަފްސީލުތައް ނެޓްފްލިކްސްއިން އަދި އާންމެއް ނުކުރެއެވެ.






