ޣައްޒާ ސުންނާފަތި ކޮށްލަން ހިތްވަރުދިން ވިޔަފާރިވެރިޔަކު ބަނގުރޫޓުވެ ހާލުގައި ޖެހިއްޖެ

ޣައްޒާ ސުންނާފަތި ކޮށްލަން ހިތްވަރުދިން ވިޔަފާރިވެރިޔަކު ބަނގުރޫޓުވެ ހާލުގައި ޖެހިއްޖެ

ލަންޑަންގައި ހިންގަމުން އަންނަ އިންޑިއާގެ ރެސްޓޯރެންޓެއް ކަމަށްވާ "ސިންގްސް ޑައިނިންގް" ގެ ވެރިޔާ ހަރްމަން ސިންގް ކަޕޫރު، އޭނާގެ ވިޔަފާރި ސަލާމަތް ކުރުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އޭނާ ބުނާ ގޮތުގައި، ޣައްޒާއާ ގުޅޭގޮތުން އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއަކާ ގުޅިގެން އުފެދުނު ބޮޑު ނުރުހުމާއި ފާޑުކިޔުންތަކަށްފަހު، ރެސްޓޯރެންޓަށް ގޫގަލްގައި ގަސްތުގައި 1 ސްޓާރުގެ ފޭކް ރިވިއުތަކެއް ދެމުން ދާތީ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދެއެވެ.

އޮކްޓޯބަރު 12 ވަނަ ދުވަހު އާންމުކުރި ޕޯސްޓެއްގައި ހަރްމަން ވަނީ، އޭނާގެ ރެސްޓޯރެންޓް ސަލާމަތް ކުރުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް އެދުމަކީ ވަރަށް ބޮޑަށް ހިތްވަރުލާން ޖެހުނު ކަމެއް ކަމަށް ބުނެފައެވެ. އަދި ކަސްޓަމަރުން ރެސްޓޯރެންޓަށް ގޮސް، އެމީހުންގެ އަމިއްލަ ތަޖުރިބާއަށް ބިނާކޮށް ރަނގަޅު ރިވިއުތަކެއް ދިނުމަށް އޭނާ އެދިފައިވެއެވެ.

އޭނާ ބުނިގޮތުގައި، ރެސްޓޯރެންޓްގެ ކުލި ނުދެއްކިގެން ތަނުގެ ވެރިފަރާތް ކޯޓަށް މައްސަލަ ހުށަހަޅާނެކަމުގެ އިންޒާރު ދީފައިވާއިރު، ގޫގަލްގައި ހަގީގަތާ ހިލާފު 1 ސްޓާރުގެ ރިވިއުތައް އެކަނި ބަލައިގަނެ، ހަގީގީ ކަސްޓަމަރުން ދޭ 5 ސްޓާރުގެ ރިވިއުތައް ބަލައިނުގަންނަ ކަމަށް އޭނާ ތުހުމަތު ކޮށްފައިވެއެވެ. އަދި އޭގެ އިތުރުން، އޭނާގެ ރެސްޓޯރެންޓްގެ ވެބްސައިޓަށް ސައިބާ ހަމަލާއެއް އަމާޒުވެ، އޮންލައިންކޮށް މޭޒު ބުކް ކުރުމުގެ ފުރުސަތުވެސް ގެއްލިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މި މައްސަލަ ބޮޑުވެގެން ދިޔައީ ސެޕްޓެމްބަރު މަހުގައި ހަރްމަން އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި އޭނާވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށާއި އިޒްރޭލުގެ އަސްކަރިއްޔާއަށް މުޚާތަބުކޮށް، ޣައްޒާގައި ހުރި އިމާރާތެއް އަދިވެސް ނުވައްޓައި ހުރީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ.

މި ވީޑިއޯއަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔައި، ގިނަ ބަޔަކު ސިފަކުރީ މިއީ ޣައްޒާއަށް އިތުރަށް ގެއްލުން ދިނުމަށް ހިތްވަރުދިން ކަމެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން އޭނާއަށް އޮންލައިންކޮށް ވަރަށް ބޮޑު ނުރުހުމަކާއި ބޮއިކޮޓް ކުރުމަށް ވަނީ ގިނަ ބަޔަކު ގޮވާލާފައިވެއެވެ.

ހަރްމަން ސިންގް ކަޕޫރަކީ މީގެ ކުރިންވެސް ހަލާލު ނޫން ކާނާ ވިއްކުމުގެ ސިޔާސަތާއި، ސިޔާސީ އަދި ދީނީ މައްސަލަތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފާޅުކުރާ ހަރުކަށި ޚިޔާލުތަކުގެ ސަބަބުން މީޑިއާގެ ސަމާލުކަން ހޯދާފައިވާ ފަރާތެކެވެ. މީގެ ކުރިން އޭނާ ހިންގި "ރަންގްރޭޒް" ނަމަކަށް ކިޔާ ރެސްޓޯރެންޓެއްވެސް މިއަހަރުގެ ކުރީކޮޅު ވިޔަފާރި ދަށްވެ، ހަލާލު ކާނާ ނުވިއްކުމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ ހެދި ބަންދުކުރަންޖެހުނު ކަމަށް އޭނާ ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *