މާލީ ދާއިރާގެ ކުރިއެރުމާއެކު އޮގަސްޓު މަހު އިޤްތިޞާދު %2.4 ކުރިއަށް

މާލީ ދާއިރާގެ ކުރިއެރުމާއެކު އޮގަސްޓު މަހު އިޤްތިޞާދު %2.4 ކުރިއަށް

މި އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ އިގްތިސާދު %2.4 ކުރިއަރާފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ތަފާސްހިސާބަށް ބަލާއިރު މާލީ ހިދުމަތްތަކާއި، ރިއަލް އެސްޓޭޓް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާވެސް ވަނީ ކުރިއަރާފައެވެ.

މިމަހުގެ 15ވަނަ ދުވަހު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޢާއްމުކޮށްފައިވާ އިޤްތިޞާދީ ކުރިއެރުން ވަޒަންކުރާ "މަންތްލީ އިންޑިކޭޓަރސް އޮފް އިކޮނޮމިކް ގްރޯތް" ރިޕޯޓުގައިވާ ގޮތުން، އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުރީ 9.64 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 9.41 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ. އަދި މިއީ 2026 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.

އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ މާލީ ހިދުމަތްތަކުގެ ދާއިރާއިންނެވެ. މީގެ އިތުރުން ރިއަލް އެސްޓޭޓް ހަރަކާތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލީ ހިދުމަތްތަކުގެ ދާއިރާ ވަނީ 21.9 އިންސައްތަ ކުރިއަރައި، 748 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މާލީ މުއާމަލާތްތަކާއި އިންޝުއަރެންސްގެ ހިދުމަތްތައް އިތުރުވުމާ ގުޅިގެން އައި ބަދަލެކެވެ. މީގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.1 އިންސައްތަ ކުރިއަރައި 864 މިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އިމާރާތްކުރުމުގެ ދާއިރާ ވަނީ 10.4 އިންސައްތަ ކުރިއަރައި 487 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.

އިޤްތިޞާދުގެ އެންމެ ބޮޑު ދާއިރާއަކީ އަދިވެސް ފަތުރުވެރިކަމުގެ ޚިދުމަތްތައް ހިމެނޭ ހޮސްޕިޓާލިޓީ އަދި ފުޑް ސާވިސަސް ދާއިރާއެވެ. މިއީ އިޤްތިޞާދީ ކުރިއެރުމުގެ 23.1 އިންސައްތައެވެ. މި ދާއިރާއިން 2.23 ބިލިޔަން ރުފިޔާ އުފައްދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު 0.7 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 10.6 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން އައިސްފައިވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކުގެ ދާއިރާއަކީ އިޤްތިޞާދުގެ 11.7 އިންސައްތަ ހިއްސާކުރާ ދާއިރާއެވެ. މި ނިމިދިޔަ އޯގަސްޓު މަހުގެ އިޤްތިޞާދީ ކުރިއެރުން 10.06 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ޖަނަވަރީ މަހުގެ ފަހުން އިޤްތިޞާދީ ކުރިއެރުން މިހާ މަތީ މިންވަރަކަށް ރިކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މިއީ 2024 ވަނަ އަހަރުގެ އޯގަސްޓު މަހު ރިކޯޑުކުރެވުނު 8.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 11.4 އިންސައްތައިގެ ކުރިއެރުމެއްކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖޫން މަހު އިޤްތިޞާދީ ހަރަކާތްތައް ދަށްވުމަށްފަހު، ޖުލައި އަދި އޮގަސްޓު މަހު ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ވަނީ ބާރުމިނެއްގައި ކުރިއަރަން ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *