އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއްނެތި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހި ޕާސްޕޯޓް ދޫކުރުމަށް ބައެއް ބަދަލުތައް މިދިޔަ އޮގަސްޓުމަހުގެ 27 ވަނަ ދުވަހު ވަނީ ގެނެސްފައެވެ. މި ބަދަލު ގެންނަން ނިންމީ، ޕާސްޕޯޓު ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައާ ގުޅިގެން ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ގެނައި ބަދަލުތަކާއެކުވެސް ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިންނާއި ބޭސްފަރުވާއަށްދާ ފަރާތްތަަކަށް އިސްކަންދީގެން ޕާސްޕޯޓު ދޫކުރަމުން އައިކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ޕާސްޕޯޓުގެ ބުކްލެޓް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލަ ހައްލުވެ، މި ހަފުތާ ބަންދުގައި ޕާސްޕޯޓުގެ ސްޓޮކް ލިބޭނެކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއެކޭ އެއްފަދައިން ޕާސްޕޯޓް ދޫކުރަން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ނޯރމަލް އޮޕަރޭޝަން ސަންޑޭއިން ފެށިގެން ކުރިއަށްދާއިރު އެހިސާބުން ފެށިގެން ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް މިހުރި 39 ލޮކޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭނަން. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ޕާސްޕޯޓެއް އިޝޫކުރުމަށް އެބަނަގާ 28 ދުވަސް، 40 ދުވަސް، 1 މަސް ދުވަސް އެބަނަގާ ބައެއް ފަހަރު. އަޅުގަނޑުމެން ނޯރމަލް ހާލަތައް ގެނެވުނީމަ 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓެއް ހަދާ ނިންމާނެ." ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، ޕާސްޕޯޓު ދޫކުރުމުގައި ދިމާވި މައްސަލައިގެ ސަބަބުން ބެކްލޮގުގައި 2646 ވަރަކަށް ޕާސްޕޯޓު ރިކުއެސްޓް އެބައޮތްކަމަށެވެ. އައު ސްޓޮކް ލިބުމާއެކު މި ބެކްލޮގް 5 ވަރަކަށް ދުވަހުގެ ތެރޭގައި ކްލިއަރކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ދުވާލެއްގެ މައްޗަށް ޕާސްޕޯޓު ހެއްދުމަށް އެވަރެޖްކޮށް 350 ރިކުއެސްޓް އަންނަމުންދާކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ މިހާރު އޮތް ބެކްލޮގް ކްލިއަރކުރުމަށް އިމިގްރޭޝަނުން ޚިދުމަތްތައް ދޭ ވަގުތު އިތުރުކުރާނެކަމަށެވެ. އެގޮތުން އޮފީސް ހުޅުވާފައި ހުންނަ ވަގުތާއި ޕްރިންޓިން ކެޕޭސިޓީ އިތުރުކޮށް ބެކްލޮގް ކުޑަކުރުމަށް ގިނަ މަސައްކަތް ކުރަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.






