ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ އިޖުރާއަތުތައް ހިމަނައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ގާނޫނަކަށްވުމުން، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ބިލު ބޭނުންކުރަން ގަސްތުކޮށްފައިވަނީ ވިޔަފާރިވެރިން ބްލެކްމެއިލް ކުރުމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި، މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން، ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތަކާއި، އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސްވެސް މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ހިމަނާފައިވެއެވެ. އަދި ބިލު ގާނޫނަކަށްވުމުގެ ކުރިން ކުށްކޮށްގެން ހޯދާފައިވާ މުދާވެސް ދައުލަތަށް ނެގޭ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ.
މިއަދު ބިލަށް ބަހުސްކުރައްވަމުން މީކާއިލް ވަނީ، ކޯޓަކުން ހުކުމެއް ސާބިތުވުމުގެ ކުރިން މުދާ ނެގޭ ގޮތަށް އޮތުމަކީ އަސާސީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށް ސިފަކުރައްވައި، ސަރުކާރުން ބިލު ހުށަހެޅި ނިޔަތާމެދު ސުވާލު އުފައްދަވާފައެވެ. "ހުކުމް ސާބިތު ނުވަނީސް މީހުންގެ މުދާ ނެގެޔޯ، މީހުން އަސާސީ ހައްގުތަކާވެސް ހިލާފު [މި ބިލު]. ރައީސް މުއިއްޒުގެ އަމަލުތައް މާޒީގައި ފެނިދިޔަ ކޮންމެ މީހަކަށް އެނގޭނެ މި ބިލު ގާނޫނަކަށް ވެއްޖެނަމަ ދެން އަމަލުކުރާނެ ގޮތް،" މީކާއިލް ވިދާޅުވިއެވެ.
"މިއީ ބްލެކްމެއިލް ބިލެއް. މި ބިލުގެ ހަގީގީ މަގުސަދާއި، ސަރުކާރުން މިކަމަށް ގަސްތުކޮށްފައިވާ ގޮތް ސާފު،" ކަމަށް ބުނެ، ބިލުގެ ހަގީގީ އަމާޒަކީ 2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ވިޔަފާރިވެރިން ބްލެކްމެއިލް ކުރުން ކަމަށްވެސް މީކާއިލް ތުހުމަތުކުރެއްވިއެވެ. މީހުން ބްލެކްމެއިލްކޮށްގެން ވިޔަފާރިވެރިން އޮބިއަޅައިގެން އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތަކާއި، ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންގެ މުދަލާ ގުޅޭ އުސޫލުތައްވެސް ބިލުގައި ހިމަނާފައިވެއެވެ.






