"މަޖިލީހުގައި ތިބީ ޒަމްޒަމް ފެނުން ފެންވަރައިގެން އައިސް ތިބި ސާފު ބައެއް"

"މަޖިލީހުގައި ތިބީ ޒަމްޒަމް ފެނުން ފެންވަރައިގެން އައިސް ތިބި ސާފު ބައެއް"

ރައްޔިތުންގެ މަޖިލީހުގައި ތިބީ ޚިޔާނާތާއި ތެދާ ދޮގު ވަކިކުރާ، ސާފު ނިޔަތެއްގައި މަސައްކަތްކުރާ ބައެއް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ލަތީފް މިއަދު ސިފަކުރައްވައިފިއެވެ.

ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަށް ބަހުސްކުރައްވަމުން ލަތީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރަނީ ކޮން ކަމެއްތޯ ސުވާލުކޮށް، ގިނަ ފަހަރަށް ރައްޔިތުން ޝަކުވާ އުފުލާ ކަމަށެވެ. ނަމަވެސް ކޯޓުތަކުން ހުކުމްކުރުމަށާއި އަދަބުތައް ކަނޑައެޅުމަށް ބޭނުންކުރާ ގާނޫނުތައް ތައްޔާރުކުރަނީ ހަމަ މަޖިލީހުން ކަން އޭނާ ފާހަގަކުރެއްވިއެވެ. މަޖިލީހުގެ އިދާރީ މުވައްޒަފުންނާއި މެންބަރުންނަކީ ޚިޔާނާތްތެރިވާނެ ބައެއް ނޫން ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

"އެހެންވީމަ ރައްޔިތުންގެ މަޖިލީހަކީ ސާފު ޒަމްޒަމް ވަޅު ފެނުން ފެންވަރައިގެން އައިސް ތިބި ބައެއް މި ތަނުގައި މި ތިބީ. އެހާވެސް ސާފު ބައެއް މި ތިބީ،" ލަތީފް ވިދާޅުވިއެވެ.

ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަށް ތާއިދުކުރައްވަމުން މެންބަރު ވިދާޅުވީ، ދައުލަތުގެ އެންމެ ފައިސާ ފޮއްޗަކަށްވެސް ޚިޔާނާތްތެރިވެއްޖެނަމަ، އެ މީހަކަށް ސަރުކާރުން އަދަބު ދޭނެ ކަމަށާއި، ފަހުން އެ މަގާމެއްގައި ދެމިނުހުރެވޭނެ ކަމަށެވެ. ޚިޔާނާތް ހުއްޓުވުމަށް މަޖިލީހުގެ ހުރިހާ މެންބަރުން ތައްޔާރަށް ތިބިކަން ފާހަގަކުރައްވައި، ގައުމު ކުރިއަރައިގެންދާނީ މަކަރާއި ހީލަތް ނެތިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިޔަވަޅު އެޅުމުގައި ކަނދުރާއަކަށް މޫނަކަށް ބެލުމެއް ނޯންނާނެ ކަމާއި، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ޖާގައެއް ނޯންނާނެކަން ލަތީފް ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. ގައުމުގައި ހުރި ނުރަނގަޅު ކަންކަން ސަރުކާރުން ނައްތާލާނެ ކަމަށާއި، މި ބިލުގެ ސަބަބުން ތަރައްގީއަށް ކުރިއެރުންތައް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ލަތީފް މަޖިލީހުގެ މެންބަރުންގެ ދިފާއުގައި މިފަދައިން ވާހަކަދެއްކެވިއިރު، މަޖިލީހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އަބަދުވެސް ފާޑުކިޔުންތައް ލިބެއެވެ. އަދި ކޮންމެ ދައުރެއްގައިވެސް މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *