ޕެރޯލް ބޯޑުގެ މެންބަރުން ވަކިކޮށް، އަބްދުﷲ އިބްރާހިމް އަލުން ޖަލަށް!

ޕެރޯލް ބޯޑުގެ މެންބަރުން ވަކިކޮށް، އަބްދުﷲ އިބްރާހިމް އަލުން ޖަލަށް!

އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގަ ހުކުމްކޮށްފައި ހުއްޓާ ޕެރޯލްގެ ދަށުން ދޫކުރި ޢަބްދުﷲ އިބްރާހިމް އަލުން ހައްޔަރުކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ޕެރޯލް ބޯޑުން ޢަބްދުﷲ އިބްރާހިމް ދޫކޮށްލީ ޤާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ އެ ބޯޑުގެ މެންބަރުންނާމެދުވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން، ބޯޑުގެ މެންބަރުން މިހާރު ވަކި ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަ ސާބިތުވެ ޢަބްދުﷲ އިބްރާހިމް ގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 19ގައެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ޕެރޯލްގެ ދަށުން އޭނާ ދޫކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. ޢަބްދުﷲ އިބްރާހިމް އަށް 2 ގަޞިއްޔާގެ ދަށުން 12 އަހަރާއި 6 މަސް ދުވަހުގެ 3 ހުކުމް އިއްވާފައިިވާއިރު އޭނާއަށް އެ މުއްދަތުގެ ހުކުމެއް ކުރީ އިއުތިރާފުގެ އެއްބަސްވުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ހެދުމުންނެވެ.

ޕެރޯލަކީ، ޖަލު ހުކުމެއް ތަންފީޒުކުރާ ގައިދީއަކު، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޝަރުތުތަކެއް ކުރުމަށް ފަހު މުޖުތަމައުއަށް އަނބުރާ ދޫކޮށްލުމެވެ.

މި މައްސަލައާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލީ ޤާނޫނީގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ނުބަލައި ކަމަށާއި އެއީ ސިޔާސަތުތަކާވެސް ޚިލާފު ނިންމުމެއް ކަމަށެވެ. އެހެންވެ ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލަން ނިންމި ބޯޑުގެ 6 މެންބަރުން ވަކިކޮށްފައިވާ ކަމަށާއި އަލުން ބޯޑަށް މެންބަރުން އައްޔަންކޮށް، ބޯޑުގެ ކަންކަން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ޢަބްދުﷲ އިބްރާހިމް ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ ގަސްތުގައި ކަމަށް ބެލެވޭނެ ހާލަތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ އިންޓެންޝަނަލީ އެއިން އެއްވެސް ފަރާތަކުން ގޯހެއް ހަދާފައި އޮތްކަމަށް. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ޤައުމީ ބޮޑެތި މައްސަލަތަކުގައި ބަލަންޖެހޭ ބައެއްކަންކަން ބަލަންޖެހޭވަރަށް ނުބެލިއޭ އެއޮތީ،" ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޢަބްދުﷲ އިބްރާހިމް ޕެރޯލްގެ ދަށުން ދޫކޮށްފައިވަނީ އޭނާގެ ހުކުމާ ގުޅިގެން އެރި އޮޅުމެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް ޤާނޫނީ ލަފާ ހޯއްދަވައި އެ ނިންމުން އަނބުރާ ބަދަލުކުރަން އެންގުމުން އެ ނިންމުން ބަދަލުކޮށް އަންގާރަ ދުވަހު އޭނާ އަނބުރާ ބަންދަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރުގެ މަސްތުވާތަކެއްޗާ ގުޅޭ ސިޔާސަތު ވަރަށް ސާފު ކަމަށާއި މަސްތުވާތަކެތި ތްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނު އިސްލާހުކޮށް އެފަދަ ކުށްތައް ކުރިން ކޮށްފައިވާ މީހުންނަށް އަދަބު ލުއިނުކުރެވޭގޮތަށް ހަދާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *