އިގްތިސާދު ކޮޅަށް ޖެހޭވަރުގެ ކޮލިޓީ ހުރި މީހަކު ހުރިއްޔާ 2028 ގެ ރޭހުން ފަހަތަށް ޖެހޭނަން: ޔާމީން

އިގްތިސާދު ކޮޅަށް ޖެހޭވަރުގެ ކޮލިޓީ ހުރި މީހަކު ހުރިއްޔާ 2028 ގެ ރޭހުން ފަހަތަށް ޖެހޭނަން: ޔާމީން

ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތް މިންވަރުން ކޮޅަށް ނަގައި، ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރާއްޖެ ތަރައްގީކުރެވޭނެކަމުގެ ޔަގީންކަން ދެވޭ ވަރުގެ މީހަކު ހުރި ނަމަ، 2028 ގެ ރިޔާސީ އިންތިހާބުން ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، އައްޑޫ ފޭދޫގައި ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ވާހަކަ މިގޮތަށް ވިދާޅުވީ، މި ސަރުކާރުން ހިންގާ ކަންކަމާ ދެކޮޅަށް ޔާމީން ވާހަކަދައްކަވަނީ ވެރިކަމުގެ ބޭނުމުގައި ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

ޔާމީން ވިދާޅުވީ، ރާއްޖެއަށް ހަތަރު އަހަރުން ލިބޭނެ އާމްދަނީގެ ދަރަނި މިވަގުތުވެސް ދިވެހި ދައުލަތުގައި އެބައޮތް ކަމަށެވެ. އެ ދަރަނިތަކުގެ ބުރަވެސް އުފުލަންޖެހޭނީ ދެން އަންނަ ވެރިއަކަށްވާއިރު، މިފަދަ ދަނޑިވަޅެއްގައި ގައުމެއްގެ ރައީސްކަން ކުރުމަކީ ބޮޑު ޒިންމާއެއް އަދި ތަކުލީފެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިއުޅޭނީ ވެރިކަން ބޭނުންވެގެނެއް ނޫން. މިއަދު ހަމަ މި އައްޑޫ ސިޓީގައި އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން މި ވިސްނާ ގޮތަށް އިގްތިސޯދީ ތަރައްގީ ގެނެސް، ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރެގެން މިކަންކުރާނެ ކޮލިޓީ ހުރި މީހުންތަކެއް އައިސް އަޅުގަނޑުމެންނަށް ކޮންވިންސް ކޮށްދީފިއްޔާ އަޅުގަނޑު މިހުރީ އެ ބޭފުޅުންނަށް ތާއީދުކޮށްފައި އަޅުގަނޑު ފަހަތަށް ޖެހޭނަން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުން، އެ މަނިކުފާނު ބޭނުންވަނީ ރައްޔިތުން މިހާރު އޮތް ހާލަތުން އަރައިގަތުމެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުރެގެންވެސް އެކަން ކުރެވޭނަމަ، އެ މަނިކުފާނު އުފާވާނެ ކަމަށާއި، އެކަމަކު މިހާރު އެހާ ބޮޑު ޝައުގުވެރިކަމެއްގައި ރާއްޖޭގެ ރައީސްކަން ކުރުމަކީ އެ މަނިކުފާނަށް ކޮންމެހެން މުހިންމު ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ.

"އެހެންވީމާ ހީފުޅު ނުކުރައްވާށޭ އަޅުގަނޑު މިއުޅެނީ މިކަމަށް ދަހިވެތިވެގެން މިކަމަށް ފެންބޮވައިގަނެގެންނޭ. އަޅުގަނޑަށް ރައީސްކަން ކުރުން މިހާރު މުހިންމެއް ނޫން. އެއެއް ނޫން އެނގޭތޯ،" ޔާމީން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *