ރައީސްގެ އޮފީހުގައި ކުރިން މަސައްކަތްކުރި އަންހެން މުވައްޒަފެއްގެ މައްޗަށް ގަޒްފުކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ އައިޝަތް އީޝާ އަޝްރަފްގެ މައްޗަށެވެ.
އީޝާގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ކުރަނީ ޤާނޫނުލްޢުޤޫބާތުގެ 612 ގެ ދަށުން ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
’އަދަދު‘ ނޫހުން މިދިޔަ މާޗު މަހުގެ ފަހުކޮޅު ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގެ ތަހުގީގަށް، މިދިޔަ މޭ މަހުގެ ކުރީކޮޅު އީޝާ ދެ ފަހަރެއްގެ މަތިން ފުލުސް އިދާރާއަށް ހާޒިރު ކުރި އެވެ.
އީޝާގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގައި ’އަދަދު’ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕީޖީ އޮފީހުން ވަނީ މިދިޔަ މޭ މަހުގެ 10 ވަނަ ދުވަހު ގަޒުފްކުރުމުގެ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތްވެސް ވަނީ ފަށައިފަ އެވެ.






