ދުނިޔޭގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮތް ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ގަދަ ބާރުން ހައްލު ނުކުރެވޭނެ ކަމަށާއި، އެކަން ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
"އަލްޖަޒީރާ" އަށް ދެއްވި އިންޓަވިއުއެއްގައި ޕެޒެޝްކިއަން ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ޒިންމާ އަޅުވަން ބޭނުންވަނީ އެމެރިކާގެ ބޮލުގައި ކަމަށާއި، އެއީ އީރާނުގެ މަގުތައް އެމެރިކާއިން ބަންދުކޮށްގެން އުޅޭތީ ކަމަށެވެ. "ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަކީ އީރާނަށް މަގުތައް ބަންދުވާ ވަގުތުތަކުގައި ދެވޭނެ ގުދުރަތީ ޖަވާބެއް،" އޭނާ ވިދާޅުވިއެވެ.
ހޮރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުކުރުމަކީ ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި މަޝްވަރާތަކެއްގެ ތެރެއިން ކުރެވޭނެ ކަމެއް، ކަމަށާއި، މަޝްވަރާތަކުގެ ސަބަބުން މައްސަލަ ހައްލުކުރެވިއްޖެ ނަމަ އެ މަގު ވިޔަފާރިއަށް ހުޅުވާލެވިފައި އޮންނާނެ ކަމަށްވެސް ޕެޒެޝްކިއަން ވިދާޅުވިއެވެ.
އީރާނުން ކުރާ ކޮންމެ މަޝްވަރާއަކަށްފަހު، އެމެރިކާއިން ތަކުރާރުކޮށް ހަމަލާތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާތީ، އީރާނުން އެމެރިކާއާއެކު ކުރާ މަޝްވަރާތަކަށް ދެން އިތުބާރު ނުކުރާނެ ކަމަށްވެސް ޕެޒެޝްކިއަން ވިދާޅުވިއެވެ. އަދި ގަތަރާއި ޕާކިސްތާނުން މިވަގުތު އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށް، އީރާނުގެ މެސެޖުތައް އެމެރިކާއަށް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.
ޕެޒެޝްކިއަން ވިދާޅުވީ، މި މަޝްވަރާތައް ބިނާވެފައިވަނީ މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައްޗަށް ކަމަށާއި، އެމެރިކާގެ ފަރާތުން އެކަމާ ގުޅޭގޮތުން އެ ގައުމުގެ ދެކޭގޮތް ހާމަކުރަން ޖެހޭނެ ކަމަށެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވައި ހަނގުރާމަ އެއްކޮށް ނިމުމަކަށް ގެނައުމަށް އީރާނުން އެމެރިކާއަށް ހުށަހެޅި ހަތް ދުވަހުގެ މަގުޗާޓަށް، އެމެރިކާގެ ރަސްމީ ޖަވާބަކަށް އިންތިޒާރު ކުރަމުންދާކަން އީރާނުން ވަނީ ހާމަކޮށްފައެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކުރާ ގޮތުގައި، އީރާނުގެ މަގުޗާޓަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފައެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.






