ރަސްމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއުން ރާއްޖޭގެ މިހާރުގެ މާލީ ހާލަތަށް އަވަސް ހައްލެއް ނުލިބޭނެ ކަމަށާއި، މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ދައުލަތުގެ ހަރުމުދަލެއް ވިއްކައިގެން ވަގުތުން ފައިސާ ހޯދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރެއްވީ، ރަސްމާލެ ތަރައްގީކުރުމަށް ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކުރި 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމާ ގުޅިގެންނެވެ.
އެ މަޝްރޫއުގެ ދަށުން ރަސްމާލޭގައި ޓޫރިޒަމާއި މެރީނާ އަދި ބޯހިޔާވަހިކަމުގެ އިތުރުން ވޯޓާފްރަންޓެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ މަޝްރޫއުގައި ހިމެނޭ ވޯޓާފްރަންޓް ތަރައްގީކުރުމުގެ ވިސްނުމަށް ތާއީދުކުރައްވަމުން ނަޝީދު ފާހަގަކުރެއްވީ، މިއީ ރާއްޖެ މިހާރު ތަހައްމަލުކުރަމުންދާ މާލީ ތާށިކަމުން އަރައިގަތުމާ އެއްވެސް ގުޅުމެއް ހުރި މަސައްކަތެއް ނޫން ކަމަށެވެ. އަދި ހުރިހާ ކަމެއް ތާވަލާ އެއްގޮތަށް ދިޔަ ކަމުގައި ވިޔަސް، އެ މަޝްރޫއުން ދައުލަތުގެ ބަޖެޓަށް އާމްދަނީއެއް ވަންނަން މަދުވެގެން ދެ އަހަރު ދުވަސް ހޭދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދަރަނި ދެއްކުމަށްޓަކައި ހަރުމުދާ ވިއްކުމާއި ޕްރައިވެޓައިޒް ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، މިދަނޑިވަޅުގައި އިސްކަންދޭންވީ ވަގުތުން ފައިސާ ލިބޭނެ މަގުތައް ހޯދުމަށް ކަމަށެވެ. ނަޝީދުގެ ވެރިކަމުގައި ވެސް މި ސިޔާސަތުގެ ދަށުން ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ ވިއްކާލައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު މިކަމުގައި މުޅިން ތަފާތެވެ. އެމަނިކުފާނު ގެންދަވަނީ ދައުލަތުގެ ހަރުމުދާ ވިއްކުމާ ދެކޮޅަށް ސާބިތުކަމާއެކު ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާތައް އަލުން އަނބުރާ ދައުލަތަށް ގަތުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށައިފަ އެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކުން ގައުމު ދަރުވާލައި ހަރުމުދާތައް ވިއްކާލާފައި އޮތް ނަމަވެސް، މި ސަރުކާރުން ރާއްޖޭގެ މިލްކިއްޔާތުން "އެންމެ ޒައްރެއްގެ މިންވަރު ވެސް ބޭރު ބަޔަކަށް ނުދޭނެ" ކަމަށާއި، މަސައްކަތް ކުރައްވަނީ ގެއްލުނު މުދާތައް އަނބުރާ ހޯދުމަށް ކަމަށެވެ.






