2028 ގެ ޕްރައިމަރީ: އިބޫގެ އަރިހަށް ވަޑައިގެން ފައިސަލް މަޝްވަރާ ކުރައްވައިފި

2028 ގެ ޕްރައިމަރީ: އިބޫގެ އަރިހަށް ވަޑައިގެން ފައިސަލް މަޝްވަރާ ކުރައްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއާ ގުޅޭގޮތުން، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އިބޫގެ އޮފީހުގައި ކުރިއަށްދިޔަ މި މަޝްވަރާތަކާ ބެހޭ އެއްވެސް މައުލޫމާތެއް ފައިސަލްގެ ފަރާތްޕުޅުން އަދި ހާމައެއް ނުކުރައްވަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިކަމާ މެދު ވެސް ފައިސަލް މިހާތަނަށް ރަސްމީކޮށް ވާހަކަފުޅެއް ނުދައްކަވަ އެވެ.

ވެރިކަމުގެ 5 އަހަރުގެ ދައުރު ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސްގެ ގޮތުގައި ހުންނެވި ފައިސަލަށް، އޭރުގެ ރައީސް އިބޫގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމުގެ އަޑުތައް ގަދަވެފައިވީ ނަމަވެސް، އެކަމާ ގުޅިގެން ރައީސް އިބޫ ވެސް އަދި ވަކި ޖަވާބެއް ނުދެއްވަ އެވެ.

ޖުމްހޫރީ ޕާޓީގައި 16 އަހަރު ހޭދަކުރެއްވުމަށް ފަހު، އެ ޕާޓީން ވަކިވެވަޑައިގެން ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވި ފަހުން، 22 ފެބްރުއަރީ 2024 ގަ އެވެ. އެއީ ޖޭޕީން ވަކިވެވަޑައިގަތްތާ މަހެއްހާ ދުވަސް ފަހުންނެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި މަޖިލިސް މެމްބަރު ޑރ. އަހުމަދު ޝަމްހީދު މިހާރު ވެސް އަންނަނީ ފާޅުގައި ކެމްޕެއިން ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *