މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 499 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްތްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން ނެރުނު އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން އޮގަސްޓުމަހުގެ ނިޔަލަށް ދައުލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިއަހަރުތެރޭ ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ. މިއަހަރުތެރޭ ހިލޭ އެހީގެގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ 373 މިލިޔަން ރުފިޔާއެވެ.
އަހަރުގެ މިހާތަނަށް ހިލޭ އެހީގެގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށްވުރެވެސް އިތުރުވެފައެވެ. މިދިޔަ އަހަރުތެރޭ ހިލޭ އެހީގެގޮތުގައި ލިބިފައިވަނީ 252.4 މިލިޔަން ރުފިޔާއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަސްތެރޭ ދައުލަތަށް އާމްދަނިއާއި ހިލޭ އެހީގެގޮތުގައި 28.7 ބިލިޔަން ރުފިޔާވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 6.2 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިމުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް ލިބުނު 1.69 ބިލިޔަން ރުފިޔާގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް ވެސް ބުނެފައިވެއެވެ.
މިމުއްދަތުގެ ތެރޭގައި ޓެކްސް އާމްދަނީ ވަނީ 20.61 ބިލިޔަން ރުފިޔާއިން، 22.35 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 8.5 ޕަސެންޓް ގެ އިތުރުވުމެކެވެ.
ނަމަވެސް ފިނޭންސް މިނިސްތްރީން ބުނީ މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 30.86 ބިލިޔަން ރުފިޔާގައި ކަމަށެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކުރި 26.38 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 17 ޕަސެންޓްގެ އިތުރު އަދަދެކެވެ. ރިކަރަންޓް ހަރަދު 18.6 ޕަސެންޓަށް އިތުރުވެ، 22.75 ބިލިޔަން ރުފިޔާއިން 26.98 ބިލިޔަން ރުފިޔާއަށް އުފުލިފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 6.9 ޕަސެންޓަށް އިތުރުވެ 3.63 ބިލިޔަން ރުފިޔާއިން 3.88 ބިލިޔަން ރުފިޔާއަށް މަތިވެފައެވެ.
ނަމަވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ޕްރައިމަރީ ސާޕްލަސް ނުވަތަ ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި، އާމްދަނީ އާއި ހިލޭ އެހީ ހަރަދަށްވުރެ އިތުރުވި މިންވަރު ހުރީ 1.27 ބިލިޔަން ރުފިޔާގައެވެ. މިއީ އޭގެ ކުރީ އަހަރު ރެކޯޑުކުރެވުނު 4.04 ބިލިޔަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއާ އަޅާބަލާއިރު 68.6 ޕަސެންޓް ދަށް އަދަދެކެވެ. ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ބަޖެޓުން 2.13 ބިލިޔަން ރުފިޔާގެ ޑެފިސިޓެއް ދައްކާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ބަޖެޓުން ދެއްކީ 658.8 މިލިޔަން ރުފިޔާގެ ސާޕްލަސްއެކެވެ.





