ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މީގެކުރިން ކަންކަން ހިނގާފައިވާ ގޮތުގެ ސަބަބުން ގިނަ ޒުވާނުންނަށް ސިޔާސީ ކަންކަން ސިފަކުރެވެނީ ވަރަށް ހަޑިދައި އެއްޗެއްގެ ގޮތުގައި ކަމަށާއި، މި ވިސްނުން ބަދަލުކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒިންމާދާރުކަމާއެކު ކުރާ ސިޔާސީ މަސައްކަތެއްގައި ގޯސް އަދި ބަލައިނުގަނެވޭ ކަންކަން ހިމެނެން ނުޖެހޭނެ ކަމަށެވެ. އަދި ޒުވާނުން ސިޔާސީ މައިދާނާ ދުރުވުމަށް މެދުވެރިވި މި ވިސްނުން ބަދަލުކުރެވޭނީ އަމިއްލަ ފައިދާއާއި ޕާޓީގެ މަސްލަހަތުގެ ބަދަލުގައި އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ގައުމީ މަސްލަހަތު އިސްކޮށްފިނަމަ ސިޔާސީ މަސައްކަތަކީ ވަރަށް ސާފު ކަމަކަށް ވެގެންދާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވާދަވެރި ޕާޓީއަކަށް ދެރައެއް ދިނުމުގެ ބޭނުމުގައި ގައުމަށް ގެއްލުންވާ ފަދަ އަމަލުތައް ބައެއް ޕާޓީތަކުން ހިންގުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ކޮންމެ ސިޔާސީ ފިކުރެއްގެ މީހަކު ކަމުގައި ވިޔަސް، އެންމެންނަކީ ވެސް ދިވެހިންކަން ދަނެގެން ގައުމަށް ލާބަހުރި ކަންކަމުގައި އެއްބާރުލުން ދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ތަރައްގީގެ ވިސްނުމުގައި ތަފާތުތަކެއް ހުރެގެން އެކި ޕާޓީތަކުގައި އުޅުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ވެރިކަން ކުރާ ޕާޓީން ވިޔަސް ގައުމަށް ގެއްލުންވާ ފަދަ ކަމެއް ކޮށްފިނަމަ އެކަމާ ދެކޮޅަށް ތެދުވެ ވާހަކަދައްކަން ޖެހޭނެ ކަމަށާއި، ފާޑުކިޔުމާއެކު ރަނގަޅު ގޮތަކީ ކޮބައިކަން ދައްކައިދިނުމަކީ ޒިންމާދާރު ސިޔާސީ މަސައްކަތް ކަމުގައި ރައީސް ވިދާޅުވި އެވެ.





