ދެހާސް އަށާވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކަރުދާހުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ބަދަލުގައި އޮންނާނީ މިހާރުގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ 'ބާރުހަތަރެއް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ދެން އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ނަޝީދުގެ ނަން އޮންނާނެ ކަމަށާއި އެކަމަށް ފައްޔާޒު ވެސް ތާއީދުކުރައްވާނެ ކަމަށެވެ. އަދި 2033 ވަނަ އަހަރު ވެރިކަމަށް ގެނައުމަށް އެމްޑީޕީން ނެރެން ތައްޔާރުވަނީ ފައްޔާޒު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި، "2028 ގެ ފަހުން އަންނަ އިންތިޚާބަކީ ވަރަށް ބޮޑު ބަދަލެއް. އެ އިންތިޚާބުގައި ފައްޔާޒު ކުރިމަތިލަނީ. އެކަމަކު، 2028 ގައި ރައީސް ނަޝީދު. ފައްޔާޒު ގަބޫލުކުރައްވާނެ އެކަން." މީގެ އިތުރުން 2028 ގެ އިންތިޚާބުގައި ނައިބު ރައީސްކަން ނުވަތަ ސަރުކާރުގެ އެހެން މަގާމެއް ފައްޔާޒު ޚިޔާރުކުރައްވާނެ ކަމަށާއި، ޕާޓީގެ ކޮންގްރެސްގެ ތެރެއިން އެކަން ހަމަނުޖެހިއްޖެނަމަ އެހެން ގޮތަކުން ވެސް އެކަން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެރިކަމަށް އައުމަށް ޕާޓީ ތެރޭގައި 'ތަޅައިގަނެގެން' ކަންކަން ގޯސްވާނެކަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވެސް ތަޖުރިބާއިން އެނގޭނެ ކަމަށާއި، ގައުމުގެ މުސްތަގުބަލެއް ފަސޭހައިން ފެންނަން އޮތީ ރައީސް ނަޝީދު ވެރިކަމަށް ނެރެގެންކަން މެންބަރުންނަށް އެނގެންވާނެ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ މިހެން ވިދާޅުވި ނަމަވެސް، އެ މަނިކުފާނަށް ތާއީދުކުރާ މީހުން މަދުނޫން ނަމަވެސް، ހުންނެވީ ފައްޔާޒް ވެރިކަމަށް ގެންނަވަން ތާއީދު ކުރައްވައިގެން ކަމަށް ނަޝީދު ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފައެވެ. އަދި 'ބޮޑު ބަދަލު’ގެ ނަމުގައި ގާނޫނުއަސާސީއާއި ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތައް ހުށަހެޅުއްވި ދުވަހު ނަޝީދު ވަނީ ފައްޔާޒު އެންޑޯސްވެސް ކުރައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް އަޑުފެތުރިފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ހިމެނެއެވެ. މީގެތެރެއިން ޝާހިދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވައި ކެމްޕޭންވެސް ފައްޓަވާފައެވެ.






