މިއަހަރުގެ މިހާތަަނަށް ރީ-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ތައާރަފްކުރުމާއިއެކު ރީ-އެކްސްޕޯޓުން ރާއްޖެއަށް ލިބޭ އާމްދަނީ ދަނީ އިތުރުވަމުންނެވެ.
އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން ރީ-އެކްސްޕޯޓްކޮށްގެން މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން 319 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. މިދިޔަ އަހަރު ލިބިފައިވަނީ 299 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ %6.8 އިތުރުވުމެކެވެ.
ރީ-އެކްސްޕޯޓަކީ އެހެން ޤައުމަކުން ރާއްޖެ ގެންނަ މުދާ ރާއްޖެއިން ރީ-އެކްސްޕޯޓްކޮށްގެން އެހެން ޤައުމަކަށް ގެންދިއުމެވެ. ރީ-އެކްސްޕޯޓުން ލިބޭ އާމްދަނީ އިތުރުވެފައިވަނީ ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ރާއްޖޭގައި ފެށުމާއެކުއެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. މި ޚިދުމަތް ފަށާފައިވަނީ 2024ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ. މި ޚިދުމަތާ މިހާރު 17 އަށްވުރެ ގިނަ އެއާލައިން ވަނީ ގުޅިފައެވެ. މިދިޔަ ޖުލައި މަހުވެސް ވަނީ ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ އަދި މި މަސައްކަތުން އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބޭ މަސައްކަތެކެވެ. މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރު ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.






