ތެލުގެ ހިޔާނާތުގައި ހިމެނޭ ޑްރައިވަރު 8 އަހަރަށް ޖަލަށް، 6.7 މިލިއަން ދައްކަން ހުކުމް ކޮށްފި

ތެލުގެ ހިޔާނާތުގައި ހިމެނޭ ޑްރައިވަރު 8 އަހަރަށް ޖަލަށް، 6.7 މިލިއަން ދައްކަން ހުކުމް ކޮށްފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތެޔޮ ޑެލިވަރީކުރުމުގައި ވި 6.7 މިނިޔަލް ރުފިޔާގެ ހިޔާނާތުގައި ހިމެނޭ ތެޔޮ ބައުޒަރުގެ ޑްރައިވަރު، ބަންގަލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބް، އަށް އަހަރާއި ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއް ދައުވާއަކީ ހިޔާނާތުގެ ދައުވާއެވެ. އެ ދައުވާކުރީ، 2020 އަހަރުގެ ތެރޭގައި އެފްއެސްއެމްގެ ތެޔޮ ބައުޒަރުގެ ޓްރައިވަރުގެ މަގާމުގައިހުރެ އެތަނުން އެމްޕީއެލްއަށް ތެޔޮ ޑެލިވަރީ ކުރުމުގެ މުއާމަލާތްތައް ކުރުމުގައި 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020ގެ ނިޔަލަށް ތައްޔާރު ކޮށްފައިވާ 119 ޑެލިވަރީ ނޯޓްތަކުގައި ބަޔާން ކޮށްފައިވާ ޑީސަލް އެމްޕީއެލްއަށް ޑެލިވަރީ ކޮށްފައިވާ ކަަމަަށް ދެެއްކުމަށްޓަކައި އެމްޕީއެލްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުރި ސ. މަރަދޫ އާޒާދުގެ ހަސަންދީދީއާ ހަވާލުކޮށް އެފްއެސްއެމް އިން އެމްޕީއެލްއަށް ޑެލިވާ ކުރަންޖެހޭ ޖުމްލަ 783،100 ލީޓަރު ޑީސަލަށް ހިޔާންތެވެގެންނެވެ.

މި ދައުވާގައި އޭނާގެ މައްޗަށް ހުކުމް ކުރީ އަށް އަހަރަށް ޖަަލަށް ލުމަށެވެ. މީގެ އިތުރުން، މި މައްސަަލައުގައި އޭނާ ހިޔާނާތްތެރިވި 783،100 ލީޓަރު ޑީސަލްގެ އަގަށްވާ 6.7 މިލިޔން ރުފިޔާ ބަަދަލުގެ ގޮތުގައި ދައުލަތަށް ދައްކަންވެސް ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ކުރި ދެވަނަ ދައުވާއަކީ، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިއުމެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ. އެއީ މި ހިޔާނާތުގެ ތެރެއިން، ޑީސަލް ޑެވަރީ ކޮށްފައިވާކަމަށް ދެއްކުމަށްޓަކައި ސައްހަނޫން 119 ޑެލިވަރީ ނޯޓް ތައްޔާރުކޮށް ސޮއިކޮށްފައި ވާތީއެވެ.

މި ދައުވާގައި އޭނާގެ މައްޗަށް ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމުގެ ހުކުމެއް ވަނީ ކޮށްފައެވެ. ޑްރައިވަރުގެ އިތުރުން، އޭނާއާއެކު މި ހިޔާނާތުގައި ބައިވެރިވި، އޭރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރި ސ. ފޭދޫ ވާރުގެ މުހައްމަދު އައިމަންގެ މައްޗަށް ވެސް ވަނީ ދެ ދައުވާއެއް ކޮށް ހުކުމް ކޮށްފައެވެ.

އޭނާގެ މައްޗަށްކުރި ހިޔާނާތުގެ ދައުވާގައިވެސް ހުކުމް ކުރީ، އަށް އަހަރަށް ޖަލަށް ލުމާއެކު 783،100 ލީޓަރު ޑީސަލްގެ އަގަށްވާ 6.7 މިލިޔަން ރުފިޔާ ބަަދަލުގެ ގޮތުގައި ދައުލަތަށް ދެއްކުމަށެވެ. އަދި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ގޮތުން އެފަދަ ލިޔުމެއްގައިވާ ކަމެއް ބަޔާން ކުރުމުގެ ދައުވާގައި ހުކުމްކުރީ ހަމަ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *