ހައިވޭގައި އެކްސިޑެންޓްވި މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ

ހައިވޭގައި އެކްސިޑެންޓްވި މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ

ސިނަމާލެ ބްރިޖު ހައިވޭގައި ފުލުހުން މަޑުކުރަން އެންގުމުން، މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވައި އެކްސިޑެންޓުވި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިފައިވާކަން ހާމަވެއްޖެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދުއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދު މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު، މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، ޓްރެފިކްކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ހައިވޭގައި ދުއްވަމުން ދިޔައިރު ފުލުހުން މަޑުކުރަން އެންގި ނަމަވެސް މަޑުނުކޮށް ދާން އުޅުމުގެ ތެރޭގައި ފުލުހުންގެ ބެރިކޭޑުގައި ޖެހުނެވެ. އޭގެފަހުން ފުލުހުން ޗެކްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއްގެ ތެރެއިން އަށް ރަބަރު ޕެކެޓު ފެނުނުކަމަށް އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ފާހަގަކުރިއެވެ.

އޭނާ މަސްތުވާތަކެތި ބޭނުންކުރާކަމަށް އަމިއްލައަށް ބުނެ، އަތުން ފެނުނީ ބޭނުންކުރަން ގެންގުޅުނު އެއްޗެއްކަމަށް ބުނެފައިވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. ނަމަވެސް ގެންގުޅުނީ ދެ ރަބަރު ޕެކެޓްކަމަށް ބުނިކަމަށްވެސް އެ އަމުރުގައި ހިމެނެއެވެ.

އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ކޯޓުން ބަންދަށް 10 ދުވަސް ޖަހައިފައިވާއިރު، ބަންދު މުއްދަތު ހަމަވާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *