އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުގައި ލިބުނު ނާކާމިޔާބީ ފޮރުވުމަށްޓަކައި، އަރަބި ރައްޔިތުން ވޯޓު "ވަގަށް ނެގީ" ކަމަށް ބުނެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި އަސާސެއް ނެތް ވާހަކަތަކަށް އެ ޤައުމުގެ އޮފިޝަލުން އިންކާރުކޮށް، އިންތިޚާބުގެ ނަތީޖާ ބަދަލުނުވާނެ ކަމަށް އިޢުލާންކޮށްފިއެވެ.
ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޒަޔަނިސްޓު އިސްރާއީލުގެ އިންތިޚާބީ ކޮމިޝަނުން ހާމަކުރި ގޮތުގައި، ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ނަތަންޔާހޫ ދެއްކި ވާހަކަތަކަކީ އެއްވެސް ހެއްކެއް ނެތް ދޮގުތަކެކެވެ.
މުސްލިމުންނާއި އަރަބި ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އަބަދުވެސް ނަފްރަތު އުފައްދައި، ނަސްލީ އިމްތިޔާޒު އިސްކުރާ ނަތަންޔާހޫ މިފަދަ ތުހުމަތުތަކެއް ފެންމަތިކުރީ އޭނާގެ ސިޔާސީ ބާރު ކެނޑި، ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ބޮޑުވުމުންނެވެ. ނަމަވެސް އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ އިންސާފުވެރިކޮށް ކަމަށާއި، ވަކި ބަޔަކު ވޯޓު ވަގަށް ނެގި ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. މިއީ މުސްލިމް އަރަބީންގެ އަޑު ކަނޑުވާލައި، އެމީހުންގެ އަސާސީ ޙައްޤުތަކުން މަޙްރޫމުކުރުމަށް ޒަޔަނިސްޓުން ޒަމާނުއްސުރެ ކުރަމުން އަންނަ ޒާތީ އަދި ދަށުދަރަޖައިގެ ޢަމަލުތަކުގެ ތެރެއިން ހިންގި އަނެއް ޖަރީމާއެވެ.
މީގެއިތުރުން، ނަތަންޔާހޫއާ ގުޅުންހުރި ކޮރަޕްޝަނާއި ރިޝްވަތުގެ ބޮޑެތި މައްސަލަތަކެއްގައި ހައްޔަރުކުރި ބައެއް ޝައްކުކުރެވޭ ފަރާތްތައް މިހާރު ވަނީ ދޫކޮށްލާފައެވެ. އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި އަނިޔާވެރިކަން އިސްކުރާ ޒަޔަނިސްޓް އިސްރާއީލުގެ ވެރިންނަކީ އަބަދުވެސް ޚިޔާނާތާއި ފަސާދައިގެ ތެރޭގައި ތިބޭ ބައެއްކަން މިފަދަ މައްސަލަތަކުން ދަނީ ހާމަވަމުންނެވެ.
އިސްލާމީ އުންމަތުގެ މުޤައްދަސް ބިންތައް ފޭރިގަނެ، ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ފޮރުވުމަށްޓަކައި، ނަތަންޔާހޫ އަބަދުވެސް މަސައްކަތް ކުރަނީ އަރަބީންނާއި މުސްލިމުން ކުށްވެރިކޮށް ދޮގު ވާހަކަތައް ފެތުރުމަށެވެ. އެހެންނަމަވެސް، އޭނާގެ މި ނުބައި ރޭވުންތައް މިފަހަރުވެސް ފެއިލްވެ، އަމިއްލަ ޤައުމުގެ އެތެރޭގައިވެސް ނަތަންޔާހޫއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކާއި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.






