ދިވެހިރާއްޖޭގެ ފުޓްބޯޅަ އިދާރާ (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މާލީ ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާކަން ސާބިތުވެ، އޭނާ ފުޓްބޯޅައިގެ އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ގާތްގަނޑަކަށް 1.23 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކަނޑައަޅައިފިއެވެ.
ފީފާގެ އެތިކްސް ކޮމިޓީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑަރިންނާއި، ނަހަމަ މާލީ މުއާމަލާތްތައް ހިންގުމުގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ފީފާއިން ދިން ރިލީފް ފަންޑުގެ ފައިސާ އަމިއްލަ މަންފާއަށް ބޭނުންކުރިކަން ސާބިތުވެފައެވެ. ފީފާގެ ބަޔާނުގައި ބުނެފައިވަނީ ބައްސާމް ވަނީ އެ އިދާރާގެ އަޚްލާޤީ މިންގަނޑުގެ ގިނަ މާއްދާތަކަކާ ޚިލާފުވެ، މަސްލަހަތު ފުށުއަރާ ކަންކަމަށް އަރައިގަނެ، ފީފާގެ އެހީގެ ފައިސާއަށް ޚިޔާނާތްތެރިވެފައި ކަމަށެވެ.
މި މައްސަލައިގައި ބައްސާމްގެ އިތުރުން، އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލް ވެސް ވަނީ 10 އަހަރުގެ މުއްދަތަށް ފުޓްބޯޅައިން ސަސްޕެންޑްކޮށް، 100,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައެވެ.
ފީފާއިން މި ފިޔަވަޅު އަޅާފައިވާއިރު، ރާއްޖޭގެ ކޯޓުތަކުގައި ވެސް ބައްސާމްގެ މައްޗަށް ވަނީ ޚިޔާނާތުގެ ގިނަ ދައުވާތަކެއް ސާބިތުވެ، ޖަލު ހުކުމްތަކެއް އިއްވާފައެވެ. މީގެ ތެރޭގައި ފީފާގެ ފަންޑު ބޭނުންކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތް މައްސަލަ ހިމެނޭއިރު، އެ އެޕާޓްމަންޓްތައް ދައުލަތަށް ނެގުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ސިއްހީ ހާލަތާ ގުޅިގެން ބައްސާމް މިހާރު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.
މިއީ ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި ވެސް މިފަދަ ބޮޑު ޚިޔާނާތެއް ސާބިތުވެ، ދުނިޔޭގެ މައި އިދާރާއަކުން ދިވެހި އިސް އޮފިޝަލަކަށް އުމުރު ދުވަހުގެ ސަސްޕެންޝަނެއް ދިން ފުރަތަމަ ފަހަރެވެ.






