މޫސުން ގޯސްވެ، ކަނޑުގަދަވި ވަގުތެއްގައި ސިނަމާލެ ބުރިޖުގެ ތަނބެއްގައި ތެޔޮ ބޯޓެއް ޖެހި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހާއްސަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާ ބޭރުގައި އަޅާފައި އޮތް ދެ ބޯޓެއް، ގަދަ ވަޔާއި އޮއިވަރުގެ ސަބަބުން ކޮންޓްރޯލުން ނެއްޓިގެން ގޮހެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި އޭގެ ތެރެއިން އެއް ބޯޓު ގޮސް ބުރިޖުގެ ތަނބަކަށް ވަނީ އުރިފައެވެ. ނަމަވެސް، ބުރިޖު ބަލަހައްޓާ ޗައިނާގެ ސީއެޗްއީސީން ހެދި އަވަސް އިންސްޕެކްޝަނުން ދައްކާ ގޮތުގައި ބުރިޖުގެ މައި ސްޓްރަކްޗަރ އޮތީ ސަލާމަތުންނެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހާމަކުރެއްވި ގޮތުގައި، ސްޓްރަކްޗާއަށް ބޮޑު ގެއްލުމެއް ނުވި ނަމަވެސް ބުރިޖުގައި ކުދި ރެނދުތަކެއް ވަނީ ލާފައެވެ. އެ ރެނދުތައް މިންގަނޑުތަކާ އެއްގޮތަށް މަރާމާތު ކުރުމުގެ މަސައްކަތް ސީއެޗްއީސީން ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މިފަދަ ހާދިސާތަކަކީ ސިނަމާލެ ބުރިޖާއި، އަލަށް އަޅާ ބުރިޖުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކޮންޓްރޯލުން ނެއްޓޭ އުޅަނދުތައް ބުރިޖާ ހަމައަށް ދިޔަނުދީ ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމަށް އެމްޕީއެލްއިން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ކުރިއަށް އޮތް ދެ މަސް ތެރޭގައި އެ ޓަގުތައް ރާއްޖެ ގެނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން ކޯސްޓްގާޑާ ގުޅިގެން ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލަމުންދާ ކަމަށް ވިދާޅުވިއެވެ.
ރޭގެ ހާދިސާގައި ބުރިޖާ ދިމާލަށް އޮޔާދިޔަ "ކޭޖީ 1″ އަދި "އޭއެލް 1″ އަކީ ހުއްދަނެތި އަދި އެއްވެސް އިދާރާއަކަށް ނާންގާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން މީގެ މަސްތަކެއް ކުރިން ހިފަހައްޓާފައިވާ ދެ ޓޭންކަރެވެ. ޖުމްލަ 20 އިންޑިއާ ފަޅުވެރިން ތިބި މި ދެ އުޅަނދުގެ މައްސަލަ ސަލާމަތީ ބާރުތަކާއި ކަމާބެހޭ އިދާރާތަކުން ދަނީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ.






