ވަކިކުރި އިންޓާނަލް އޮޑިޓަރަށް ބަދަލާއެކު ވަޒީފާދޭން ހައްޖު ކޯޕަރޭޝަނަށް އަމުރު ކޮށްފި

ވަކިކުރި އިންޓާނަލް އޮޑިޓަރަށް ބަދަލާއެކު ވަޒީފާދޭން ހައްޖު ކޯޕަރޭޝަނަށް އަމުރު ކޮށްފި

ހައްޖު ކޯޕަރޭޝަނުން ވަކިކުރި އިންޓާނަލް އޮޑިޓަރަށް ބަދަލާ އެކު ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ކޯޕަރޭޝަންގެ މައްޗަށް އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ރައްދުވާގޮތަށް ނ. މަނަދޫ ރީހުއްސަބާ މުހައްމަދު ހަލީމް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

އޭނާ މި މައްސަލަ ހުށަހެޅީ، 23 ނޮވެމްބަރު 2020 އިން ފެށިގެން އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓާއެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 20 ޖަނަވަރީ 2025 ގައި ވަޒީފާއިން ވަކިކުރުމުންނެވެ.

މި މައްސަލައިގައި އޭނާގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރީ، މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ނުކޮށް ކަމަށްވާތީ، ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި މުއްދަތުން ފެށިގެން ވަޒީފާ އިއާދަކޮށްދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ އޭނައަށް ލިބިދިނުމަށެވެ.

އޭނާ ވަޒީފާއިން ވަކިކުރުމުގައި ކޯޕަރޭޝަނުން އަމަލުކުރިގޮތުން އޭނާގެ ކުރިއެރުމަށާއި، ނަމަށް ލިބފަިއވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޓްރައިބިއުނަލަށް ފެންނަ ބަދަލެއް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ހުށަހެޅި ހެކިތަކަށް ބެލުމަށްފަހު، ޓްރައިބިއުނަލުން ނިންމީ، މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ނުކޮށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، މުހައްމަދު ހަލީމް އޭނާ އަދާކުރަމުންދިޔަ މަގާމަށް ރުޖޫއަކުރުމަށް ކަނޑައަޅާ ކަމަށެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއްނެތި ކަމަށްވާތީ އޭނާ ވަޒީފާއިން ވަކިކުރިއިރު، ނޯޓިސް މުއްދަތުގެ ގޮތުގައި އޭނާއަށް ދީފައިވާ 26،509 ރުފިޔާގެ ނިސްބަތުން، ވަޒީފާއެއް އަދާކުރަން ފެށުމާ ހަމައަށް މުހައްމަދު ހަލީމަށް 74،225 ދޭން ކަނޑައަޅައި އެ ފައިސާއިން ނޯޓިސްގެ މުއްދަތަށްދިން 26،509 އުނިކުރުމަށްފަހު، ޖެހޭ އަދަދަކީ ހައްޖު ކޯޕަރޭޝަނުން އޭނާއަށް ދޭންޖެހޭ ފައިސާ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

މި މައްސަލައިގައި ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަންކަން ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ޓްރައިބިއުނަލުން ވަނީ ހައްޖު ކޯޕަރޭޝަނަށް އަންގައި އަމުރުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *