އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ ގެ ސެކިއުރިޓީ ކައުންސިލުގެ ދާއިމީ ގޮނޑިއެއް އިންޑިއާއާއި ބްރެޒިލަށް ދިނުމަށް ރަޝިއާއިން އަލުން ތާއީދުކޮށް، އެކަމަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަން ހާމަކޮށްފިއެވެ.
ނިއުޔޯކްގައި ކުރިއަށްދާ ޔޫއެންގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވިދާޅުވީ، ސެކިއުރިޓީ ކައުންސިލުގައި އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމުތަކުގެ ހިއްސާ އިތުރުކުރަންޖެހޭ ކަމަށެވެ. އަދި އިންޑިއާއާއި ބްރެޒިލް ފަދަ ގައުމުތަކަކީ ދާއިމީ ގޮނޑިއަކަށް އެންމެ އެކަށީގެންވާ ގައުމުތައް ކަމަށް ރަޝިއާއިން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލާވްރޯވްގެ ވާހަކަފުޅުގައި، ސެކިއުރިޓީ ކައުންސިލަށް އިސްލާހުތައް ގެންނައިރު ހުޅަނގުގެ ގައުމުތަކަށް އިތުރު ގޮނޑިތަކެއް ދިނުމާ ދެކޮޅަށް ވަނީ ވަކާލާތު ކުރައްވާފައެވެ. ޖަރުމަނާއި ޖަޕާނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، އެ ގައުމުތަކުން އަސްކަރީ ބާރުވެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ސެކިއުރިޓީ ކައުންސިލުގެ ދާއިމީ ގޮނޑިއެއް އެ ގައުމުތަކަށް ދިނުމަކީ ރަޝިއާއިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
އަދި ސެކިއުރިޓީ ކައުންސިލަށް އިސްލާހު ގެނައި ކަމުގައި ވީނަމަވެސް، މިހާރު ތިބި ދާއިމީ 5 މެންބަރުންގެ ބާރުތަކާއި އިމްތިޔާޒުތަކަށް އެއްވެސް އުނިއެއްޗެއް އައިސްގެން ނުވާނެ ކަމަށްވެސް ރަޝިއާގެ ހާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.
މި ނިންމުމާއެކު، އިންޑިއާއިން ދުނިޔޭގެ މަސްރަހުގައި އަދާކުރާ ދައުރު ފުޅާވަމުންދާކަން ހާމަވެގެންދާއިރު، ސެކިއުރިޓީ ކައުންސިލުގެ އިސްލާހީ ބަދަލުތަކަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.






