ފަލަސްތީނުގެ ހައްގުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

ފަލަސްތީނުގެ ހައްގުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

ފަލަސްތީނުގެ އަޚުންނާއި އުޚުތުން ސުލްހައާއި މިނިވަންކަމުގެ އިތުރުން އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށްޓަކައި ކުރަމުންދާ ޖިހާދުގައި، ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސް ވިދާޅުވީ، އިޒްރޭލުގެ އަނިޔާވެރި އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ކުށެއްނެތް އާންމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާއި ގަތުލުއާންމު ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެއިތުރުން، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެން އޮތީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރެވިގެން ކަމުގައި ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރާ ސިޔާސަތު ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާއިރު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ ފަލަސްތީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކުގައި އެގައުމުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ތިބިކަން ސާބިތުކޮށްދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *