އެމްޑީޕީގެ ޤައުމީ މަޖިލީހަށް މުޅި މާލެއިން ހޮވާ 16 ގޮނޑިއަށް ހުޅުމާލެ ދެކުނު ދާއިރާއިން ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ބުނެ ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓްލާން ދިޔަ މީހުން ފާހަގަ ޖެހި ގޮތަށް ނެރެފައިވާ ނަތީޖާއެއް ކަމަށް ނުބެލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލެ ދެކުނު ދާއިރާއިން އާންމުކޮށްފައިވާ ނަތީޖާ ޝީޓުގައި ބައެއް ކެންޑިޑޭޓުންނަށް 200 އެއްހާ ވޯޓު އިތުރަށް ޖަހާފައި ހުރި ކަމަށް ބެލެވެ އެވެ. އަދި އެ ޝީޓުގައިވާ އަދަދުތަކަކީ ވޯޓުލީ ފަރާތްތަކުގެ ނިންމުމާ އެއްގޮތަށް ހުރި އަދަދުތަކެއް ނޫން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ވަގުތީ ނަތީޖާ އެ ޕާޓީން އަދި މިހާތަނަށް އިއުލާނު ކޮށްފައެއް ނުވެ އެވެ. ނަމަވެސް، އިންތިޚާބުން މޮޅުވެއްޖެ ކަމަށް ބުނެ ބައެއް ކެންޑިޑޭޓުން ސޯޝަލް މީޑިއާގައި އިއުލާނު ކުރަމުންދާތީ، ވާދަވެރި ކެންޑިޑޭޓުން ދަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެއިތުރުން، އެތައް ވޯޓު ފޮއްޓެއް ނުގުނައި ހުއްޓައި ވަގުތީ ނަތީޖާ ކަމަށް ބުނެ އެކި ޝީޓްތައް ހަދައިގެން ދައުރުކުރަމުންދާ މައްސަލައިގައި ވެސް ގިނަ ކެންޑިޑޭޓުންތަކެއް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
މިފަހަރު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އިންތިޒާމުތައް ވަރަށް ދަށްކޮށް ކުރިއަށްދިޔަ، އޮޅުންބޮޅުން ބޮޑު އިންތިޚާބެއްގެ ގޮތުގައި އެ ޕާޓީގެ އާންމު މެންބަރުންނާއި ބައެއް އިސް ފަރާތްތަކުން ވެސް ދަނީ ސިފަކުރަމުންނެވެ.






