"ފުޓްބޯޅަ ޓްރޭނިންގ ފެސިލިޓީ" ތަރައްގީކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުޅުމާލޭން ދިން ބިން އަތުލުމަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަނބުރާ ގެންގޮސްފިއެވެ.
އެ ބިމަކީ އެޗްޑީސީ އާއި އެފްއޭއެމް އާ ދެމެދު 11 ޖުލައި 2018 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން "ފުޓްބޯޅަ ޓްރޭނިންގ ފެސިލިޓީ" ތަރައްގީކުރުމަށް ދީފައިވާ ބިމެކެވެ.
ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ބިން ތަރައްގީ ކޮށްފައި ނުވާތީ އާއި އެއްބަސްވުމާއި އެއްގޮތަށް ކުލިވެސް ދައްކަމުން ނުދާތީ، އެއްބަސްވުން ނިމުމަކަށް ގެނެސް، ބިން އަނބުރާ އެޗްޑީސީއާ ހަވާލު ކުރުމަށް އެދި އެޗްޑިސީން ނޯޓިސް ފޮނުވިއެވެ.
އެކަމާގުޅިގެންވެސް ބިން ހަވާލު ނުކޮށް އެފްއޭއެމުން ބިން ބޭނުން ކުރަމުންދާތީ އެޗްޑީސީން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.
އެޗްޑީސީން ކޯޓުގައި އެދުނީ، އެ ބިން ހުސްކޮށް، އެޗްޑީސީއާ ހަވާލުކުރާ ދުވަހާ ހަމައަށް އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާއަކީ އެފްއޭއެމުން އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެ ފައިސާ އެކީ އެއްފަހަރާ އެޗްޑީސީއަށް ދެއްކުމަށް އަންގައި އަމުރުކޮށް ދިނުމަށްވެސް އެދުނެވެ.
އޭގެ އިތުރުން އެފްއޭއެމުން އެއްބަަސްވުމާ ހިލާފްވުމުގެ ސަބަބުން އެޗްޑީސީއަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމަށް އެފްއޭއެމް ޒިންމާ ވާންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެޗްޑީސީން އެދުނެވެ.
މި މައްސަލައިގެ ދައުވާފޯމާއި ލިޔުންތައް އެފްއޭއެމްއަށް ކޯޓުން ރައްދު ކުރުމުން އެ ފަރާތުން ހުށަހެޅި ދިފާއު އާ ގުޅިގެން ރައްދު ހުށަހެޅުމަށް އެޗްޑީސީއަށް ދިން ފުރުސަތުގައި އެއްވެސް ލިޔެކިއުމެއް ކޯޓަށް ހުށައެއްނޭޅިއެވެ. ނަމަވެސް މި މައްސަލައާގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ފުރުސަތަކަށް ދެފަރާތުން އެދުނެވެ.
އެ ފުރުސަތު ދިނުމާ ގުޅިގެން މި މައްސަލައިގެ ދައުވާ އަނބުރާ ގެންދިއުމަށް އެދި މިއަދު އެޗްޑީސީން ސުވިލްކޯޓަށް ހުށަހެޅިއެވެ. ސަބަބެއް ކަމަށް އެޗްޑީސީން ބުނެފައި ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާތީ އާއި މަޝްވަރާގެ އަލީގައި މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ފަހުން މި ދައުވާ އަލުން ހުށަހެޅުމަށްޓަކައެވެ.
ދައުވާ އަނބުރާ ގެންދިއުމާމެދު އެފްއޭއެމުންގެ އިއުތިރާޒެއްވެސް ނެތުމާއެކު އެ ދައުވާ އަނބުރާ ގެންދިޔަކަަމަށް ސިވިލް ކޯޓުން ނިންމިއެވެ.






