އިންވެސްޓްކުރަނީ ޤާނޫނުތަކާ އެއްގޮތަށް، އެންމެ ބިންކޮޅެއްވެސް ނުވިއްކާނެ: ޒަރީރު

އިންވެސްޓްކުރަނީ ޤާނޫނުތަކާ އެއްގޮތަށް، އެންމެ ބިންކޮޅެއްވެސް ނުވިއްކާނެ: ޒަރީރު

އަބޫދާބީގެ މަޝްހޫރު "އީގަލް ހިލްސް" ކުންފުނިން ރާއްޖޭގައި އިންވެސްޓްކުރަނީ ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް ކަމަށާއި، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެންމެ އިންޗި ބިމެއްވެސް ބޭރުގެ އެއްވެސް ބަޔަކަށް ވިއްކައިނުލާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ތަރައްޤީކުރަމުން އަންނަ "ރަސްމާލެ" މަޝްރޫޢުގެ ތެރެއިން، 20 ބިލިޔަން ޑޮލަރު (ގާތްގަނޑަކަށް 308 ބިލިޔަން ރުފިޔާ) ގެ ބޮޑު އިންވެސްޓްމަންޓެއް ހިންގުމަށް ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއްފަހަރާ ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.

ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކުކުރެވޭ ގޮތަށް އެއްވެސް މުޢާމަލާތެއް ނުހިންގާނެ ކަމަށެވެ. އަދި މި މަޝްރޫޢަކީ ރާއްޖޭގެ ބިމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ތެރެއިން، ވަކި މުއްދަތަކަށް ދޫކުރެވޭ ލީޒް އެއްބަސްވުމެއްގެ (ކުއްޔަށް ދިނުމުގެ) ދަށުން ކުރިއަށްގެންދާނެ މަޝްރޫޢެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބިޔަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެއެވެ. އަދި މީގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، އެ ސަރަޙައްދުގައި ޒަމާނީ އިޤްތިޞާދީ އަދި ވިޔަފާރި މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ދަނީ ބޭރުގެ ނުފޫޒުގަދަ ބޮޑެތި ކުންފުނިތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މި ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާނީ ޤައުމުގެ އިސްތިޤްލާލާއި މިނިވަންކަމަށް އެއްވެސް އުނިކަމެއް ނާންނާނެހެން، ޤާނޫނީ އިމުގެ ތެރެއިން ކަމަށް ސަރުކާރުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *