އިސްރާއީލުގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގޮވާލައިފިއެވެ. ނަތަންޔާހޫ މިކަމަށް ގޮވާލީ ގައުމީ ފިކުރުގެ ޕާޓީތަކާއި، ގުޅެން ބޭނުންވާ ހުރިހާ ޒަޔަނިސްޓް ޕާޓީތައް ބައިވެރިވާ ގޮތަށް ސަރުކާރެއް އުފެއްދުމަށެވެ.
އެހެންނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވާދަވެރިޔާ، އަދި އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިޒެންކޮޓަށް އައު ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު އެ ގައުމުގެ ރައީސް އައިޒެކް ހަރޒޮގް ވަނީ ދީފައެވެ.
އިސްރާއީލުގެ މީޑިއާއެއް ކަމަށްވާ "އިސްރާއީލް ހަޔޯމް" އިން އާންމުކުރި ވީޑިއޯ މެސެޖެއްގައި ނަތަންޔާހޫ ބުނީ، ގައުމީ ފިކުރުގެ ހުރިހާ ޕާޓީތަކާއި ޔަހޫދީންގެ ހަމައެކަނި ދައުލަތް ދިފާއުކުރަން ބޭނުންވާ ޒަޔަނިސްޓް ހުރިހާ ޕާޓީތައް އެކުލެވޭ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރަންޖެހޭ ކަމަށެވެ.
މީގެއިތުރުން، މިފަދަ ސަރުކާރެއް އެކުލަވާލުމުގެ ސަބަބުން އީރާނުގެ ނިއުކްލިއާ ނުރައްކާ ދާއިމީ ގޮތެއްގައި ނައްތާލުމަށާއި، ޔަހޫދީ ދައުލަތެއްގެ ގޮތުގައި އިސްރާއީލު ދެމެހެއްޓުމުގެ އިތުރުން އެ ގައުމުގެ އެތެރޭގެ އެއްބައިވަންތަކަން ގާއިމުކުރެވޭނެ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.





