ހުޅުމާލޭގައި "މެންހަޓަން ގްރޭންޑް ހޮޓެލް" ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭގައި "މެންހަޓަން ގްރޭންޑް ހޮޓެލް" ރަސްމީކޮށް ހުޅުވައިފި

މާލެ ސަރަހައްދުގައި ތަރައްގީކުރި އެންމެ ބޮޑު ފަސްތަރީގެ ހޮޓެލް، "މެންހަޓަން ގްރޭންޑް ހޮޓެލް" ހުޅުމާލޭގައި ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ހާއްސަ ރަސްމިއްޔާތެއްގައި ހޮޓެލް ހުޅުވާދެއްވީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރެވެ.

ހޮޓެލް ހުޅުވުމަށްފަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަވާ އެރުވި ކަމަށާއި، ހަވާ އެރުވީ ހޮޓެލުން ވިޔަފާރި އުސޫލުން އަގުދައްކައިގެން ކަމަށް ބުނެވެއެވެ.

ފަސްތަރީގެ ފެންވަރުގެ ހިދުމަތް ދެވޭ ހޮޓެލްގައި 162 ކޮޓަރި އާއި، އެކި ބާވަތްތަކުގެ ކެއުންތަކަށް ހާއްސަ ހަތަރު ރެސްޓޯރެންޓް ހުރެއެވެ. އަދި ހަފްލާތަކާއި ބައްދަލުވުންތައް ބާއްވަން ހަތަރު މާލަނާއި، ޖިމާއި ސްޕާ އަދި ފަތާ ފެންގަނޑެއްވެސް ހުރެއެވެ.

މި ހޮޓެލްގެ މަސައްކަތް މީގެ 20 އަހަރު ކުރިން ފެށީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުންނެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތުމަށްފަހު، މި ސަރުކާރުން އަމިއްލަ އިންވެސްޓަރަކާ ހަވާލުކޮށް، މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިޔައެވެ. މަސައްކަތް ހަވާލުކުރީ ޔޫއޭއީގެ ޑީޕް ސީފުޑް ކުންފުނީގެ އިތުރުން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ.

ހޮޓެލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ މި ހޮޓެލަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިހަ މިނިޓުގެ ތެރޭގައި ދެވޭހާ ކައިރީ ހުންނަ ތަނެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *