ގިނަ ބައެއްގެ އިހްތިރާމް ހޯދި ޚިދުމަތްތެރި ދިވެހި މުދައްރިޝް، މޫސާ އަލީ މިއަދު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސާ އަލީ ނިޔާވެފައިވަނީ ބަލިވެ އުޅުއްވާތާ ގިނަ ދުވަސްތަކަކަށްފަހު، އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މޫސާ އަލީއަކީ ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި، އަދި ތައުލީމީ ދާއިރާގައި ދިވެހި މުދައްރިސެއްގެ ގޮތުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެފުރަތަމަ ދައުލަތަށް ހިދުމަތް ކުރއްވަން ފެއްޓެވީ 1958 ވަނަ އަހަރެވެ. މޫސާ އަލީގެ ހިދުމަތުން އެންމެ ފާހަގަކޮށްލެވެނީ، އަމީނިއްޔާ ސްކޫލްގައި މުދައްރިސެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްވަރެވެ. އޭނާ ވަނީ އަމީނިއްޔާ ސްކޫލަށް 28 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. އެގޮތުން މޫސާ އަލީ ވަނީ އަމީނިއްޔާ ސްކޫލްގެ ދިވެހި ޖަމިއްޔާ ޗޭނު ވުޖޫދަށް ގެނެސް އިންޓަރސްކޫލް މުބާރާތްތަކުގައި ފަހުރުވެރި ކާމިޔާބީތަކެއް ހޯއްދަވައިދެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
މޫސާ އަލީ އަކީ ސަރުކާރުގެ މަގާމުތައް ފުރުއްވަމުންވެސް މުދައްރިސެއްގެ ގޮތުގައި ވަރަށް ހަރަކާތްތެރިވެ އުޅުއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ސިލޯނަށް ވަޑައިގެން އެތަނުގައި ދިވެހިންނަށް ދިވެހިބަސް ކިޔަވައިދެއްވުމުގެ މަސައްކަތް ކުރައްވާފައެވެ.
މޫސާ އަލީއަށް ވަނީ ރައީސް މައުމޫން ދުވަސްވަރު، އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި އަދި ރައީސް ސޯލިހް ވެރިކަމުގައި ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމް ހޯއްދަވާފައެވެ.






