ރާބޮއެގެން ކާރު ދުއްވަނިކޮށް އެކްސިޑެންޓްވި މީހާ ޖަލަށް

ރާބޮއެގެން ކާރު ދުއްވަނިކޮށް އެކްސިޑެންޓްވި މީހާ ޖަލަށް

ރާ ބޮއިގެން ކާރު ދުއްވަނިކޮށް، އެކްސިޑެންޓްވި ލ. ކަލައިދޫ ނެސްޓް ގުފްރާން ހާލިދު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ރާބޮއިގެން ކާރު ދުއްވަނިކޮށް އޭނާ އެކްސިޑެންޓް ވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ، 7:19 އެހާކަންހާއިރު، ހުޅުމާލެ ފޭސް ދޭއްގެ އިމާން މިސްކިތް ކައިރީގައި ޕާކްކޮށްފައި އޮތް ކާރެއްގައި، ގުފްރާން ދުއްވި ކާރުޖެހިގެންނެވެ.

މި މައްސަލައިގެ ތަހުގީގުގައި އޭނާއާ ފުލުހުން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ، އެކްސިޑެންޓް ވުމުގެ ކުރިން އޭނާ ހުރީ ބަންގުރާ ބޮއެގެންކަމަށެވެ. އަދި އޭނާ ދުއްވި ކާރުން ފެނުނު ބިޔަރު ދަޅު ތަކަކީ އޭނާ ބުއިމަށް ގެންގުޅުނު ތަކެތިކަމަށް ވެސްބުންޏެވެ.

އެހެންކަމުން ދައުލަތުން އޭނާގެ މައްޗަށް ކުރީ، ބަނގުރާ ބުއިމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާގައި، ހުޅުމާލެ ފޭސް ދޭއްގެ އިމާން މިސްކިތް ކައިރީގައި ޕާކްކޮށްފައި އޮތް ކާރެއްގައި ގުފްރާން ހާލިދު ދުއްވަންއިން ކާރުން ޖެހި އެކްސިޑެންޓްވި މައްސަލައިގެ ތަހްގީގުގައި، ފުލުހުން މީނާއާ ސުވާލު ކުރުމުން، އެކްސިޑެންޓް ވުމުގެ ކުރިން މީނާ ހުރީ ބަންގުރާ ބޮއެގެންކަމަށް ބުނެ، ބަނގުރާ ބުއިކަމަށް ގުފްރާން އިއުތިރާފް ވެފައިވާތީ، ބަނގުރާ ބުއިމުގެ ކުށުން ގުފްރާން ހާލިދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާކަމަށް ކޯޓުުން ހުކުމްކުރިއެވެ.

މީގެ އިތުރުން މި ކުށުގެ އުގޫބާތެއްގެ ގޮތުން، ނުވަ ދުވަހަށް ގުފްރާން ހާލިދު ޖަލަށް ލުމަށާއި، 40 އެތިފަަހަރުން ޖަލްދު ކުރުމަށާއި، 3،600 ފުރިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމްކުރިއެވެ. އަދި 30 ދުވަހުގެ ތެރޭގައި، ޖޫރިމަނާ ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވެސް އެންގިއެވެ.

ނަމަވެސް އޭނާގެ މައްޗަށް، ހުކުމް ކުރުމުގެކުރިން، އޭނާ ބަންދުގައި ހުރި މުއްދަތު ކެނޑުމުން އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބު، ތަންފީޒުކޮށް ނިމިފައިވާކަމަށް ވސް ކުރިމިނަލް ކޯޓުން ކަނޑައޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *