ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެ ޖަމާއަތުގެ ހިންގުން އިސްލާހުކޮށްދިނުމަށް އެދި ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ސިޓީ ފޮނުވައިފިއެވެ.
އިއްޔެ ފީފާގެ 211 މެމްބަރު ގައުމަށް ފޮނުއްވި މި ސިޓީގައި އިންފަންޓީނޯ އެދިވަޑައިގެންފައިވަނީ، ފީފާ ކައުންސިލް މެދުވެރިކޮށް ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ހިޔާލު ދިނުމަށެވެ. ފީފާގެ ހިންގުމާއި، ރައީސަށް ލިބިގެންވާ ބާރުތަކާއި، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ފީފާ އާއި ރައީސް ޒިންމާދާރު ކުރެވޭނެ ގޮތްތަކާމެދު މެމްބަރު ގައުމުތަކާ މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އުމުރުން 56 އަހަރުގެ އިންފަންޓީނޯ މިފަދައިން އެދިވަޑައިގަތީ، ހަތަރުވަނަ ދައުރަކަށް ފީފާގެ ރައީސްކަމަށް އިންތިހާބުވުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވަނިކޮށެވެ. 2015 ވަނަ އަހަރު ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު ސެޕް ބްލެޓާ އިސްތިއުފާ ދެއްވުމުން، 2016 ވަނަ އަހަރު ފީފާގެ ރައީސް ކަމަށް އިންތިހާބުވި އިންފަންޓީނޯއަށް، މާބޮޑު ވާދަވެރިކަމެއް ނެތި ދައުރުތައް ފުރުއްވުމަށްފަހު މައްސަލަތައް ދިމާވީ، މިދިޔަ ޖުލައި މަހު އެމެރިކާގައި ނިމުނު ވޯލްޑް ކަޕަށްފަހުއެވެ.
ވޯލްޑް ކަޕް ފަދަ މުބާރާތްތައް ރާވައި ހިންގުމަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި، އޭގެ ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ބައެއް ވިޔަފާރިވެރިންނަށް ވިއްކާލަން މަސައްކަތް ކުރެއްވުމުން، ފީފާގެ ކައުންސިލާ މަޝްވަރާ ކުރުމެއްނެތި އެ ނިންމުން އަމިއްލަފުޅަށް ނިންމެވިކަން ޕްރެޝަރު ބޮޑުވުމުން އިންފަންޓީނޯ ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.
މިކަމާ ގުޅިގެން އިންފަންޓީނޯ އިސްތިއުފާ ދެއްވުމަށާއި، އޭނާގެ ބަދަލުގައި އަންނަ މާޗު މަހު ފީފާގެ ރައީސްކަމަށް އައު ބޭފުޅަކު ހޮވުމަށް، ޔޫރަޕާއި ކޮންކާކަފް އަދި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާތަކުން ދަނީ އެންމެ ބޮޑަށް މަސައްކަތް ކުރަމުންނެވެ.






