"ސްކައިވޮސްޕް" ގެ ނަމުގައި ހަމަލާދޭ ޑްރޯން އެއް އުފެއްދުމަށް ސައުދީ އަރަބިއްޔާއިން ތައްޔާރުވެއްޖެ

"ސްކައިވޮސްޕް" ގެ ނަމުގައި ހަމަލާދޭ ޑްރޯން އެއް އުފެއްދުމަށް ސައުދީ އަރަބިއްޔާއިން ތައްޔާރުވެއްޖެ

އެމެރިކާގެ ދިފާއީ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ "ވެކްޓަރ" އާއި ސައުދީ އަރަބިއްޔާގެ އަމިއްލަ ދިފާއީ ސިނާއަތުގެ ކުންފުންޏެއް ކަމަށްވާ "އެސްއާރް2 ޑިފެންސް ސިސްޓަމްސް" ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ މެދުވެރިކޮށް، "ބޮމްބާޑް" މަރުކާގެ ހަމަލާދޭ ޑްރޯން "ސްކައިވޮސްޕް" ގެ ނަމުގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި އުފެއްދުމަށް ނިންމައިފިއެވެ.

"އެސްއާރް2 ވެކްޓަރ" ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ދަށުން އުފައްދާ ސްކައިވޮސްޕްއަކީ ސައުދީ އަރަބިއްޔާގައި އަމިއްލައަށް އުފައްދާ މިފަދަ ފުރަތަމަ ދުރު ރާސްތާގެ ވަން-ވޭ އެޓޭކް ޑްރޯނެވެ. އެމެރިކާގެ ޔޫޓާގައި ގާއިމުވެފައިވާ ވެކްޓަރ ކުންފުނިން ތައާރަފުކުރި ބޮމްބާޑް ޑްރޯންގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ މި ޑްރޯން، ރިޔާޟްގައި ގާއިމުކުރާ ކާރުހާނާއެއްގައި ގިނަ އަދަދަކަށް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
މި ޑްރޯނަށް 1,100 ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާއިރު، ގަޑިއަކު 378 ކިލޯމީޓަރުގެ ބާރުމިނުގައި އުދުހުމުގެ ގާބިލުކަން ހުރެއެވެ.
ޖުމްލަ 127.5 ކިލޯގްރާމްގެ ބަރުދަނާއެކު އުދުހެވޭ މި ޑްރޯންގައި 50 ކިލޯގްރާމްގެ ހަތިޔާރު ނުވަތަ އެހެނިހެން ސާމާނު އުފުލޭނެއެވެ.
ޖީޕީއެސް ސިގްނަލްތަކަށް ހުރަސްއެޅިފައިވާ މާހައުލުތަކުގައިވެސް އަމިއްލައަށް މިސްރާބު ދެނެގަނެ، ކަނޑައެޅިފައިވާ އަމާޒަށް ވާސިލުވުމުގެ ޒަމާނީ އޮޓޮނޮމަސް ނޭވިގޭޝަން ނިޒާމެއް މި ޑްރޯންގައި ހިމެނެއެވެ.

މި މަޝްރޫއަކީ ސައުދީ އަރަބިއްޔާގެ "ވިޝަން 2030″ ގެ ދަށުން، އެ ގައުމުގެ އަސްކަރީ ހަރަދުތަކުގެ 50 އިންސައްތަ އެ ގައުމުގައި އުފައްދާ ތަކެއްޗަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިން މިއަހަރުގެ މާރިޗު މަހު ރިޔާޟްގައި ބޭއްވި ވޯލްޑް ޑިފެންސް ޝޯގެ ހަވާސާގައި ވެކްޓަރ އާއި އެސްއާރް2 ޑިފެންސް ސިސްޓަމްސްއިން ވަނީ މިކަމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ދިފާއީ މާހިރުން ފާހަގަކުރާ ގޮތުގައި، އަގުހެޔޮކޮށް ގިނަ އަދަދަކަށް އުފެއްދޭ މިފަދަ ޑްރޯންތައް ސައުދީ އަރަބިއްޔާގައި އުފައްދަން ފެށުމުން، ސަރަހައްދީ ދިފާއީ ބާރުވެރިކަން އިތުރުވެ، ބޭރު ގައުމުތަކުން ހަތިޔާރު އެތެރެކުރުމަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *