އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ ފައްޔާޒުގެ "ބޮޑު ބަދަލު" ކާމިޔާބުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ ފައްޔާޒުގެ "ބޮޑު ބަދަލު" ކާމިޔާބުކޮށްފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ "ބޮޑު ބަދަލު" ޓީމުން ކާމިޔާބުކޮށްފިއެވެ.

މި ކާމިޔާބީއާ ގުޅިގެން ފައްޔާޒް އިސްމާއީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި އިންތިޚާބުގައި ވާދަކުރައްވައި ނާކާމިޔާބުވި ކެންޑިޑޭޓުން ޕާޓީގެ ޑިމޮކްރަސީގެ ރޫހުގައި ކުރެއްވި ބުރަ މަސައްކަތަށް ވެސް އޭނާ ވަނީ ސާބަސް ވިދާޅުވެފައެވެ.

ފައްޔާޒްގެ ޕޯސްޓުގައި، މި އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމުގެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވައި، ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވައިދެއްވި ކަމަށްޓަކައި ޕާޓީގެ އާންމު މެންބަރުންނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނަތީޖާއިން ސާބިތުވެގެން ދިޔައީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި "ބޮޑު ބަދަލު" ގެ ތަސައްވުރަށް އޮތް ބޮޑު އިތުބާރެވެ.

މީގެއިތުރުން، އިންތިޚާބަށްފަހު ދެން އޮތީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައި ސިޔާސީ މައިދާނުގައި ސާބިތުކަމާއެކު ހަރަކާތްތެރިވުން ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ، މި ގައުމަށް އަނެއްކާވެސް ހެޔޮ ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

ހުކުރު ދުވަހު މުޅި ރާއްޖޭގައި ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ މި އިންތިޚާބަކީ ޕާޓީގެ އެކި ދާއިރާތަކާއި ގޮފިތަކުގެ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބެކެވެ. މީގެ ތެރޭގައި ޕާޓީގެ ސިޔާސަތުތައް ކަނޑައަޅާ އެންމެ އިސް އަދި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *