ނައިބު ރައީސް ހުސައިން އދ. ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން އދ. ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ ބައްދަލުކުރައްވައިފިއެވެ.

ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއިން ކޮންމެ ދުވަހަކު ތަހައްމަލުކުރަންޖެހޭ ނުރައްކާތެރި ގޮންޖެހުމެއް ކަމަށާއި، އޭގެ ސަބަބުން ގައުމުގެ ދެމެހެއްޓެނިވި ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ސެކްރެޓަރީ ޖެނެރަލް ވަކާލާތު ކުރައްވަމުން ގެންދަވާތީ، އެކަމަށްޓަކައި ޝުކުރުވެސް އަދާކުރެއްވިއެވެ.

އދ. ގެ މި ސެޝަންގައި ދިވެހިރާއްޖެ އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް ހޭނުމުގެ ގާބިލުކަން އިތުރުކުރުމާއި، ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމާއި، 'އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ' ފުރިހަމައަށް ތަންފީޒުކުރުމުގެ އިތުރުން، އދ. ގެ ނިޒާމު އިސްލާހުކުރުން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އދ. އިން އަބަދުވެސް ރާއްޖެއާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ގުޓެރޭޒް ދެއްވިއެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ. ގެ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ހާއްސަކޮށް ފަލަސްތީނުގެ ނާޒުކު މަސްރަހާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *