ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައި، އެ މައްސަލަ ސާބިތު ކުރުމަށް، ރައީސް އޮފީހާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒިފުންތަކެއް ހިމެނޭގޮތަށް ދައުލަތުން ހެކި ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސައުދުގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ނިންމައި، ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އޮގަސްޓް މަހުގެ 31 ގައެވެ. ސައުދުގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ސައުދުގެ ފަރާތުން ހުށަހެޅި ދިފާއީ ވަކީލު ތަކުރާރުކޮށް ވިދާޅުވީ، އެ މައްސަލައާ ހަވާލުވީ މިއަދު ކަމަށާއި، އެހެންކަމުން މައްސަލަ ދިރާސާ ކުރުމަށް ވަގުތު ބޭނުންނާތީ، އެކަމަށް ވަގުތު ދެއްވުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ މީގެ ކުރިންވެސް ސައުދަށް ވަގުތު ދީފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޖަވާބުދާރީވުމަށް ސައުދުއަށް ތަކުރާރުކޮށް ފުރުސަތު ދެއްވުމުންވެސް ދިފާއީ ވަކީލުން ވިދާޅުވީ، މައްސަލައިގައި ވާހަކަ ދައްކަން ސައުދަށް ގާނޫނީ ލަފާއެއް ދެވޭނީވެސް މައްސަލަ ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ.
ނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވާނެ ކަމަށާއި، އެ ދައުވާއަށް މިއަދަށް ބޭނުންވަ މިންވަރަށް ސައުދަށް ޖަވާބުދާރީ ވެވޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ގާޒީ ޝަރީއަތްވ ކުރިއަށް ގެންދެވިއެެވެ.
އެގޮތުގެ މަތިން ދައުވާ ހުށަހެޅުމަށް ފުރުސަތު ދެއްވުމުން ދައުލަތުގެ ވަކީލުން ވަކި ވަކިން ދެ ދައުވާ ހުށަހެޅުއްވިއެވެ. އަދި އެ ދައުވާތަކަށް ސައުދު އިންކާރު ކުރެއްވުމުން ކެހި ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ގާޒީ ދެއްވިއެވެ.
ހެކި ހުށަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ ދެ ދައުވާއަށްވެސް ދައުލަތުން ހުށަހަޅަނީ އެއއް ހެކިތަކެއް ކަމަށެވެ.
އެގޮތުން ޝަފަވީ ހެކިންގެ ގޮތުގައި، އެމައްސަލައިގައި ކަން ހިނގާދިޔަގޮތް ސާފު ކުރުމަށް ތިނަދޫ ކައުންސިގެ އޭރުގެ މެންބަރުންނާއި މުވައްޒިފުންނާއި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ތިނަދޫ ކައުންސިލާއި ކަމާބެހޭ އިދާރާތަކާ އެކު ބޭއްވި ބައްދަލުވުންތަކުގެ ބައިވެރިން ދައުލަތުން ހުށަހެޅިއެވެ.
އޭގެ ތެރޭގައި ރައީސް އޮފީހުގެ މުވައްޒިފުންނާއި އެލްޖީއޭގެ މުވައްޒިފުން ހިމެނޭކަމަށް ދައުލަތުގ ވަކީލު ވިދާޅުވިއެވެ.
މީގެ އިތުރުން ތިނދޫ ރަށްވެހިންގެ ލިސްޓްގައި ސައްހަނޫން މަގުން މީހުން ހިމަނާފައިވާކަން ސާބިތު ކުރުމަށްޓަކައި، ރަށްވެހިންގެ ލިސްޓޫގެ އިތުރުން، މި މައްސަލައިގެ ތަހުގީގުގެ ތެރޭގައި ހިނގާފައިވާ ކަންކަން ހާނަކުރުމަށްޓަކައި، މައްސަލަ ތަހުގީގުކުރި ފަރާތް ވެސް ހެތްކެއްގެ ގޮތުގައި ވަނީ ހުށަހަޅައިފައެވެ.
ކިތާބީ ހެކީގެ ގޮތުގައި ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދަން ކައުންސިލް އެތެރޭގައި ނިންމި ނިންމުން ތަކާއި، ސީޓީއެއްގެ ދަރަޖަ ހޯދުމަށް ކައުންސިލުން އެެހެނިހެން އިދާރާތަކަށް ހުށަހެޅި ހުށަހޅުންތަކާއި ކުރި މުއާމަލާތްތައް ވަނީ ހުށަހަޅައިފައެވެ.
ހަމަ އެއާއެކު ތިނަދޫ ކައުންސިލުން އެލްޖިއޭއާ ހިއްސާކުރި ސައްހަނޫން ލިސްޓް ތަކާއި، ތިނަދޫއަށް ސިޓީގެ ދަރަޖަދޭން 20 މެއި 2023 ގައި ތިނަދޫއަށް ސިޓީ ކައުންސިލްގެ ދަރަޖަ ދިނުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ޔައުކިއްޔާ ވެސް ވަނީ ހުށަހަޅައިފައެވެ.
އޭގެއިތުނށް ސައްހަނޫން ލިސްޓްތައް އެލްޖީއޭއާ ހިއްސާކުރެވުނުކަން ސާބިތު ކުރުމުގެ ގޮތުން ޖެމްސް ޕޯޓަލްސްގެ ސްކްރީން ޝޮތްތަކާއި، މި މައްސަލައިގައި މީގެކުރިން ސައުދު އަލީގެ ފަރާތުން ދެ މީޑިއާއަކަށް ދީފައިވާ ބަޔާނާއި، ތިނަދޫގައި 10،150 މީހުންގެ އާބާދީއެއް އޮންނާނެކަމަށް ބުނެ އިލެކްޝަން ކޮމިޝަނަށް މައުލޫމާތު ދީފައިވާކަން ސާބިތު ކުރުމަށްޓަކައި، 10000 މީޙުން ހަމަވެއްޖެތޯ ބެލުމަށް، އެ ކޮމިޝަނުން އެދިގެން އެ ކޮމިޝަނަށް ފޮނުވި، އެކެއް ފެބްރުއަރީ 2023 އިން ފެށިގެން 31 ޖުލައި 2023 ގެ ނިޔަލަށް ގދ. ތިނދޫ ރައްވެހިންގެ އާބާދީގެ ލިސްޓާއި، އެއާގުޅިގެން 14 އޯގަސްޓް 2023 ވަނަދުވަހު ކައުންސިލުން އެލްޖީއޭއަށް ފޮނުވި 10،150 މީހުންގެ އާބާދީ ހިމެނޭ ލިސްޓާ ގުޅިގެން ނެޝަނަލް ރެޖިސްޓްރޭޝަނުން ތައްޔާރު ކޮށްފައިވާ އެނަލިސިސްއެއް ވެސް ވަނީ ހުސަހަޅައިފައެވެ.
ދައުލަތުން ހުށަހެޅި ހެތްކާ ގުޅިގެން ދިފާއުން ހެކި ހުށަަޅަން ދިން ފުރުސަތުގައިވެސް ސައުދުގެ ދިފާއީ ވަކީލުން ބުނީ، މައްސަލަދިރާސާ ކުރުމަކީ ގާނޫނުތަކުން ދިފާއަށް ދޭންޖެހެ ވަގުތެއް ކަމަށެވެ، އެހެންކަމުން މައްސަލަ ދިރާސާކޮށް، ދިފާއުން ހެކި ހުށަހަޅަން ވަގުތު ދެއްވުމަށް ތަކުރާރުކޮށް ދިފާއީ ވަކީލުން ވިދާޅުވަމުން ގެންދެވިއެވެ.





