އަންހެނަކަށް ހެދިގެން ބަރަަނާ ފޮޓޯ ހޯދައި ބްލެކްމެއިލްކޮށް ފައިސާ ހޯދި މައްސަލަ ނުބަލަން ކުރި ހުކުމް ބާތިލް

އަންހެނަކަށް ހެދިގެން ބަރަަނާ ފޮޓޯ ހޯދައި ބްލެކްމެއިލްކޮށް ފައިސާ ހޯދި މައްސަލަ ނުބަލަން ކުރި ހުކުމް ބާތިލް

އަންހެނެއް ކަަމަށް ދައްކައި، މީހެއްގެ ބަރަަނާ ފޮޓޯ ހޯދައިގެން ބްލެކްމެއިލްކޮށް ފައިސާ ހޯދި މައްސަލަ ނުބެލެނޭނެ ކަަމަށް ދަށު ކޯ ޓުތަކުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލޭނެ ކަަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ 2021 ވަނަ އަހަރުގެ ތެރޭގައި ސްނެޕްޗެޓް މެދުވެރިކޮށް "ކޭ ކަމާލް" ނަމަކަށް ކިޔާ ޔޫސާ ނޭމެއް ބޭނުން ކޮށްގެން، އަންހެނަކަށް ހެދިގެން ހަގީގަތް އޮޅުވާލައި، ސ. ފޭދޫ ލިލީގަސްދޮށުގޭ މުހައްމަދު ފަވާޒު ލުތުފީ މީހަކާ ޗެޓްކޮށް އެ މީހާގެ ބަރަހަނާ ފޮޓޯ ފޮނުވުމަށް އެދުމުން އެމީހާ ފޮނުވި، އޭނާގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބޭނުން ކޮށްގެން ބްލެކްމެއިލްކޮށް ފައިސާ ހޯދާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފަވާޒުގެ މައްޗަށް ކޮށްފައިވަނީ ބްލެކް މެއިލް ކުރުމުގެ ދައުވާއެވެ. މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް މިދިޔަ އޭޕްރީލް މަހު ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ.

ކުރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ އެ ކޯޓުންވެސް ނިންމީ ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ރައުޔު ތަފާތުވުން ތަކެއް ހުރި ނަމަވެސް، މެޖޯރިޓީ ރައުޔަކީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެގޮތުން، އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް އާއި ފަނޑިޔާރު އިސްމާއީލް ޝަފީއު ވަނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަވައިފައެވެ. ނަމަވެސް ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަކީ ދަށު ކޯޓުގެ ނިންމުން ބާތިލު ކުރަން ޖެހޭނެ ކަމަށެވެ.

ހައިކޯޓުގެ ނިންމުމާއެކު ދައުލަތުން އެ މައްސަލަ އެންމެ ފަހުން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރެއްވީ، ފަވާޒު ލުތުފީގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ބާތިލް ކަމަށެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން އެނާގެ މައްޗަށް ކުރި ބްލެކްމެއިލް ކުރުމުގެ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައަޅުއްވައި، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށަހަޅައިފިނަމަ، މައްސަލަ މިހާރު އޮތް ހިސާބުން ކުރިއަށް ގެންދަންޖެހޭ ކަމަށްވެސް ހުކުމް ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *