ދައުލަތުގެ އިދާރާ ތަކުން މިލިއަނުން ފައިސާ ހޯދަން، އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓާ ޕްރައިސަސް އިން ސައްހަ ނޫން ލިޔެކިއުންތަކެއް ހުށަހަޅާފައިވާ ކަަމަށް އޮޑިޓް ރިޕޯޓުގައި ބުނެ، ޖިނާއީ ތަހުގީގެއް ކުރަން ލަފާދީފިއެވެ.
ސެންޓައިން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދިން ކަމަށް ބުނާ ތަކެތީގެ އަގު ހޯދުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާގުޅޭ ގޮތުން އޮޑިޓް އޮފީހުން ވަނީ ހައްސަ އޮޑިޓެއް ހަދައިފައެވެ.
މިދިޔަ އަންގާރަ ދުވަހު އާއްމު ކޮށްފައިވާ އެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2006 ވަނަ އަހަރުން 2010 ވަނަ އަހަރާ ދެމެދު ސަރުކާރުގެ އިދާރާތަކަށާއި ކުންފުނިތަކަށް ސެންޓައިން ފޯރުކޮށްދިން ކަމަށްބުނާ، ބައެއް މުދަލާއި ތަކެތީގެ އަގަށްވާ ފައިސާ އާއި، އެ ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 410 މިލިއަން ރުފިޔާ ހޯދަން 2020 ވަނަ އަހަރުން ފެށިގެން ދައުލަތާ ދެކޮޅަށް ސެންޓައިން ހަ މައްސަލައެއް ހުށަހަޅާފައިވެއެވެ.
އެ މައްސަަލަތައް:
- އެންވަރަންމަންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަމަށްބުނާ، 3627 ކަޅުހަމަށް ލިބެންޖެހޭ ފައިސާ އާއ،ި ޖޫރިމަނާގެ ގޮތުގައި 31.99 މިލިޔަން ރުފިޔާ
- ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް) ސަޕްލައިކޮށްދިން ކަމަށްބުނާ، 8 ކަޅުހަން ތަކުގެ އަގަށް ލިބެންޖެހޭ ފައިސާ އާއ،ި ޖޫރިމަނާގެ ގޮތުގައި 25.33 މިލިއަން ރުފިޔާ
- ޑީއެމްއެސް އަށް ސަޕްލައިކޮށްދިން ކަމަށްބުނާ، މެޑިކަލް އިކުއިޕްމަންޓްގެ އަގަށް ލިބެންޖެހޭ ފައިސާ އާއ،ި އޭގެ ޖޫރިމަނާގެ ގޮތުގައި 83.94 މިލިއަން ރުފިޔާ
- ޑީއެމްއެސްއަށް ސަޕްލައި ކޮށްދިން ކަމަށްބުނާ، މެޑިކަލް އިކުއިޕްމަންޓްގެ އަގަށް ލިބެންޖެހޭ ފައިސާ އާއި، ޖޫރިމަނާގެ ގޮތުގައި 79.49 މިލިޔަން ރުފިޔާ
- މާލޭ މުނިސިޕަލްޓީ (މާލޭ ސިޓީ ކައުންސިލް އިދާރާ) އަަށް ފޯރުކޮށްދިން ކަމަށް ބުނާ އެކި މުދަލާއި ހިދުމަތުގެ އަގަށް ލިބެންޖެހޭ ކަމަށް ބުނާ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި 168.81 މިލިޔަން ރުފިޔާ
- މޯލްޑިވްްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ފޯރުކޮށްދިން ކަމަށް ބުނާ ފަޔާ ޓްރަކްގެ އަގަށް ލިބެންޖެހޭ 20.92 މިލިޔަން ރުފިޔާމީގެ ތެރެއިން ޑީއެމްއެސް އަށް ސަޕްލައިކޮށްދިން ކަމަށްބުނާ، މެޑިކަލް އިކުއިޕްމަންޓްގެ އަގާއި ޖޫރިމަނާގެ ގޮތުގައި ހޯދަން ހުށަހަޅާފައިވާ 79.49 މިލިޔަން ރުފިޔާ
ނަމަވެސް މި ފައިސާ ތަކަކީ އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއް ނޫން ކަމަށާއި، އެއީ ލިޔެކިއުންތައް އުފައްދައިގެން އޮޅުވާލައިގެން ދައުލަތުން ފައިސާ ހޯދަން ހުށަހަޅާފައިވާ މައްސަލައެއްކަން ފާހަގަކޮށް އެކަމުގެ ތަފްސީލްތައް 15 އޮކްޓޫބަރު 2025 ގެ އޮޑިޓް ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އެމްއޭސީއެލް އަށް ފޯރުކޮށްދިން ކަމަށް ބުނާ ފަޔާ ޓްރަކްގެ އަގަށް 20.92 މިލިޔަން ރުފިޔާ ލިބެންޖެހޭ ކަަމަށް ބުނާ މައްސަލައަކީ ކުރިން އެ ކުންފުންޏަށް ދީފައިވާ ފައިސާއެއްކަން ޝަރީއަތަށް ސާބިތުވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެހެން ކަމުން އޮޑިޓް ރިޕޯޓުގައި ވަނީ، ސައްހަ ނޫން ކަަމަށް ބެލެވޭ ގިނަ ލިޔެކިއުންތަކެއް ހުށަހަޅައިގެން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްނުދޭ މުދަލާއި ތަކެތީގެ އަގު ހޯދުމަށާއި، ދައުލަތުން ފައިސާ ދައްކާފައިވާ މުދަލާއި ތަކެތީގެ އަގު އަލުން ހޯދުމަށް ސެންޓައިން މަސައްކަތްކުރާ ކަމަށް ބެލެވޭ ކަމަށެވެ.
އެހެން ކަމުން އެ ފަރާާތުން ހުށަހެޅި ލިޔެކިއުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި މިކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މި މައްސަލަތަކާގުޅޭ ފުރިހަމަ ޖިނާއީ ތަހުގީގެއް ކުރަން އޮޑިޓް ރިޕޯޓްގައި ވަނީ ލަފާ ދީފައެވެ.






