ގަވާއިދާ ޚިލާފަށް ޓިކެޓް ވިއްކި މައްސަލައެއްގައި ލިވަޕޫލުން 432 މީހަކު އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޕައުންޑް ހިފަހައްޓައިފި
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލް އެފްސީ އާއި މާސީސައިޑް ފުލުހުން ގުޅިގެން ހިންގި ބޮޑު ތަހުގީގަކަށްފަހު، ގަވާއިދާ ޚިލާފަށް ޓިކެޓް ވިއްކުމުގެ މައްސަލަތަކާ ގުޅިގެން 432 މީހަކު އުމުރުދުވަހަށް ސްޓޭޑިއަމަށް ނުވަދެވޭ ގޮތަށް މަނާކޮށްފިއެވެ. އަދި މި އޮޕަރޭޝަންގެ ދަށުން 1.2 މިލިއަން ޕައުންޑުގެ މުދަލާއި ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިއީ ޕްރިމިއާ ލީގުގެ ކްލަބަކާއި އެ ސަރަހައްދެއްގެ ފުލުހުން ގުޅިގެން މިފަދަ ގޮތަކަށް ހިންގި ފުރަތަމަ އޮޕަރޭޝަނެވެ. މި އޮޕަރޭޝަންގައި ލިވަޕޫލްގެ އިންވެސްޓިގޭޝަން ޓީމުން ވަނީ މާސީސައިޑް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޓީމާ ގުޅިގެން، ނިމިދިޔަ ސީޒަނުގެ ގާތްގަނޑަކަށް 700،000 ޓިކެޓް ރެޖިސްޓްރޭޝަން ތަހުގީގުކޮށްފައެވެ. މި ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ޓިކެޓް ވިއްކައިގެން ހޯދާ ފައިސާ ލޯންޑަރކުރާ ފަރާތްތަކަށެވެ.
މި އޮޕަރޭޝަނުގެ ދަށުން ގަވާއިދާ ޚިލާފަށް ހަދާފައިވާ ކަމަށް ޝައްކުކުރެވޭ 67،663 އެކައުންޓެއް ވަނީ ބްލޮކްކޮށް ނުވަތަ ކެންސަލްކޮށްފައެވެ. އަދި އިތުރު 121،379 އެކައުންޓެއްގެ މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. އުމުރުދުވަހުގެ ސަސްޕެންޝަންގެ އިތުރުން 115 މީހަކު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައެވެ. މި މީހުންނަށް އަލުން އެކައުންޓް އެކްޓިވޭޓްކުރުމަށް އެދެވޭނީ ގާތްގަނޑަކަށް 3 އަހަރު ފަހުންނެވެ.
މިގޮތަށް މަނާކުރެވުނު ގިނަ މީހުންނަކީ ސީޒަން ޓިކެޓާއި، މެމްބަރޝިޕް ޓިކެޓް އަދި ހޮސްޕިޓާލިޓީ ޓިކެޓްތައް ހުއްދަނެތި ވިއްކި މީހުންނެވެ. މީގެ އިތުރުން، ނަސްލީ ތަފާތުކުރުމާއި މީހުންނަށް ހަމަލާދިނުމުގެ 4 މައްސަލައެއްގެ އިތުރުން ހިތާމަވެރި ހާދިސާތަކަށް ޖޯކުޖަހައި ލަވަކިޔުމުގެ މައްސަލައެއްގައިވެސް ބައެއް ފަރާތްތައް ވަނީ ސަސްޕެންޑްކޮށްފައެވެ.
މި ތަހުގީގާ ގުޅިގެން މިހާތަނަށް ދެ މީހެއްގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ. އަދި އިތުރު މީހެއްގެ މައްސަލަ އަންނަ މަހު ކޯޓަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. ހިފެހެއްޓުނު ފައިސާ އާއި މުދާ ބަހާލެވޭނީ މާސީސައިޑް ފުލުހުންނާއި ހޯމް އޮފީހާ ދެމެދުގައެވެ.
މާސީސައިޑް ފުލުހުންގެ ޑިޓެކްޓިވް ޗީފް އިންސްޕެކްޓަރ ނިކް ސަފީލްޑް ވިދާޅުވީ، ކަޅު ބާޒާރުގައި ޓިކެޓް ވިއްކާ މީހުންގެ އަތުން ޓިކެޓް ނުގަތުމަށް ސަޕޯޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތަށް ޓިކެޓް ގަނެފިނަމަ ބޮޑު އަދަދަކުން ފައިސާ ގެއްލުމުގެ ފުރުސަތު އޮތުމުގެ އިތުރުން، ސްޓޭޑިއަމަށް ނުވަދެވި، ފައިސާ އަނބުރާ ނުލިބުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވަނީ އިންޒާރުދީފައެވެ.





