ކ. ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ސްރީ ލަންކާގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ ދުރަޔަލަގެ، މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފިއެވެ.
ބަންގްލަދޭޝް މީހެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވެފައި އޮއްވާ ފެނުނީ ތިލަފުށީގައި ހުރި ކުނި ފުންޏެއްގެ ތެރެއިންނެވެ. އޭނާ މަރުވީ ލަންކާ މީހާ އޮޕަރޭޓްކުރި އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.
އަމީން މިއާގެ މަރާ ގުޅިގެން ހައްޔަރުކުރީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ. އެ މައްސަލައާ ގުޅިގެން ބަންދުގައި ވެސް އޭނާ ދުވަސްތަކެއް ހޭދަކުރި އެވެ. މައްސަލައިގެ ތަހުގީގަށް ފަހު އޭނާގެ މައްޗަށް ގަސްދަކާނުލައި މީހަކު މެރުމުގެ ދައުވާ އުފުލުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް، އެ އޮފީހުން ބުނީ ހެޝަން މަދުރަންގަގެ މައްޗަށް ކުރާނެ މިންވަރަށް ހެކި ނެތް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. އެގޮތަށް ނިންމީ އަމީން މިއާ މަރުވުމުގައި ޑްރައިވަރުގެ އިހުމާލެއް އޮތް ކަމަށް ނުފެންނާތީ ކަމަށްވެސް ބުންޏެވެ.
އަމީން މިއާ އަކީ އޭނާގެ ޑިއުޓީގެ ގޮތުން އެ ވަގުތު އެ ތަނުގައި ހުންނަން ޖެހޭ މީހެއް ނޫން ކަމަށާއި ކުނިގޮނޑަށް އަރައިގެން އުޅޭތީ އެކަމުގައި ނުރައްކާ އޮތުމުން އެފަދަ ކަންކަން ކުރުން ވެމްކޯއިން މަނާ ކޮށްފައި އޮތްކަން ޕީޖީން ފާހަގަކުރިއެވެ. އޭގެ އިތުރުން އެ ހާދިސާ ހިނގިއިރު އަމީން މިއާ ހުރީ އެކްސްކަވޭޓަރާ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ދުރުގައި ކަމަށާއި ހާދިސާ ހިނގި ގޮތް ފުލުހުން އަލުން ކުޅުނުއިރު އެ ސަރަހައްދުގައި މީހެއް ހުރި ކަމެއް އެތަނުގައި އަލިކަން ހުރި ގޮތުން ޑްރައިވަރަކަށް ނޭނގޭނެ ކަން ފާހަގަކުރެވުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ





