އާޖެންޓީނާ ބަލިކޮށް ސްޕެއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

އާޖެންޓީނާ ބަލިކޮށް ސްޕެއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

ވޯލްޑް ކަޕް 2026 ގެ ފައިނަލްގައި އާޖެންޓީނާގެ މައްޗަށް ކުރިހޯދައި 2010 ގެ ފަހުން ފުރަތަމަ ފަހަރަށް ސްޕެއިން ދުނިޔޭގެ ޗެމްޕިއަންކަން މިރޭ ހޯދައިފިއެވެ.

މެޓްލައިފް ދަނޑުގައި ކުޅުނު މި މެޗު ސްޕެއިން ކާމިޔާބުކުރީ އިތުރު ވަގުތުގައި ޖެހި ލަނޑާއެކު 0-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށުނީއްސުރެ ޔަމާލްގެ ނުރައްކާ ސްޕެއިންގެ ކަނާތްފަރާތުން ފެންނަމުން ދިޔައެވެ. އޭނާ ތަކުރާރުކޮށް ބޯޅަ ހޯދައި އާޖެންޓީނާގެ ފަހަތަށް ބާރު ބޮޑުކުރަމުން ދިޔައިރު، ސްޕެއިންގެ ކުޅުންތެރިން ކެތްތެރިކަމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ފުރުސަތެއް ހޯދުމަށް މަސައްކަތް ކުރަމުންދިޔައެވެ.

އަނެއްކޮޅުން، އާޖެންޓީނާއަށް އެދެވޭ ހަމަލާއެއް އުފެއްދުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ލިއޮނަލް މެސީ ބޯޅަ ހޯދުމަށް މެދުތެރެއަށް ފަހަތަށް ޖެހުނު ނަމަވެސް، ސްޕެއިންގެ ކުޅުންތެރިން އޭނާ މާކުކުރަމުން ދިޔައެވެ. ސްޕެއިންގެ ވަރުގަދަ ޕްރެސިންގެ ސަބަބުން، ކުރިއަށް ކުޅެމުންދިޔަ ހޫލިއަން އަލްވަރޭޒް ހުރީ އެކަހެރިވެފައެވެ.

ޔޫރަޕްގެ ޗެމްޕިއަނުން ފުރަތަމަ ހާފުގައި މެޗު ކޮންޓްރޯލްކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އާޖެންޓީނާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެދުތެރެއިން ކްރިސްޓިއަން ރޮމޭރޯ އާއި ލިސާންޑްރޯ މާޓިނޭޒް ވަނީ ހުށިޔާރުކަމާއެކު ސްޕެއިންގެ ހަމަލާތައް ހުއްޓުވައި، ނުރައްކާތެރި ބޯޅަތައް ބޭރުކޮށްލާފައެވެ.

އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓީނޭޒް ވަނީ އޭނާގެ ހުށިޔާރުކަން މި މެޗުގައި ސާބިތުކޮށްދީފައެވެ. ސްޕެއިންގެ ކުޅުންތެރިން ގޯލެއް ކާމިޔާބުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދިޔައިރު، މާޓީނޭޒް ވަނީ ހުރަސްކުރި ބޯޅަތައް ވަރަށް އިތުބާރާއެކު ދިފާއުކޮށް، މުހިންމު ސޭވްތަކެއް ކޮށްފައެވެ.

ސްޕެއިން މެޗު ޑޮމިނޭޓް ކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް އުފެއްދިފައި ނުފޮނުވުނެވެ.

ދެވަނަ ހާފު ފެށުމާއެކު ވެސް ސްޕެއިން ފެނުނީ ކުރިންވެސް އޮތް ވަރުގަދަ ފޯމުގައެވެ. ރޮޑްރީ އާއި ޑެނީ އޮލްމޯ މެޗުގެ ޓެމްޕޯ ކޮންޓްރޯލް ކުރަމުންދިޔައިރު، ޔަމާލްގެ ނުރައްކާތެރި ހަމަލާތައް އާޖެންޓީނާގެ ގޯލަށް އަމާޒުވަމުންދިޔައެވެ. އާޖެންޓީނާއިން ކައުންޓާ އެޓޭކުގައި ފުރުސަތެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ސްޕެއިންގެ ތަރުތީބުވެފައިވާ ޑިފެންސްގެ ސަބަބުން މެސީއަށް ނުރައްކާތެރި ހިސާބުތަކަށް ބޯޅަ ގެންދިއުމަށް ވަނީ ހުރަސް އެޅިފައެވެ.

މެޗުގެ ފަހުކޮޅަށް އެޅުނުއިރު ސްޕެއިންގެ ޕްރެޝަރު އިތުރަށް ވަރުގަދަވިއެވެ. ޔަމާލް ފޮނުވާލި ހިތްގައިމު ހިލޭ ޖެހުން މާޓީނޭޒް ދިފާއުކުރީ އާދަޔާ ހިލާފު މޮޅު ސޭވްއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ސްޕެއިންއިން 15 ހަމަލާ އުފެއްދިއިރު، އާޖެންޓީނާއަށް އެންމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. މާޓީނޭޒް ވަނީ ފުރަތަމަ 90 މިނެޓުގެ ތެރޭގައި 10 ސޭވް ކޮށްފައެވެ. މިއީ ވޯލްޑް ކަޕް ފައިނަލެއްގައި ކީޕަރަކު ކުރި އެންމެ ގިނަ ސޭވްއެވެ.

ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އާޖެންޓީނާއަށް އިތުރު ގޮންޖެހުމަކާ ކުރިމަތިވިއެވެ. އެއީ އެންޒޯ ފެނާންޑޭޒް، ޕާއު ކުބާސީއަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ. މީގެ ސަބަބުން އެންމެ ފަހުގެ ޗެމްޕިއަނުން އިތުރު ވަގުތު ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ.

މި ރަތް ކާޑާއެކު އެކްސްޓްރާ ޓައިމްގައި ސްޕެއިންއަށް ބޮޑު އެޑްވާންޓޭޖެއް ލިބުނު ނަމަވެސް، އާޖެންޓީނާއިން ދިޔައީ ވަރުގަދައަށް ހިފަހައްޓަމުންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ނީކޯ ވިލިއަމްސްއަށް ލަނޑެއް ޖެހުނުހެން ހީވި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު އެ ލަނޑު ބާތިލްކުރިއެވެ.

އާޖެންޓީނާއަށް ހިފެހެއްޓުނީ 106 ވަނަ މިނެޓާ ހަމަޔަށެވެ. ނީކޯ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެންޗުން އެރި ފެރާން ޓޮރޭސް ވަނީ ލަނޑެއް ޖަހައި ސްޕެއިންއަށް ލީޑު ނަގައިދީފައެވެ. އެ ލަނޑަށްފަހު މެޗުގެ ތެރެޔަށް އެނބުރި އައުމަށް އާޖެންޓީނާ މަސައްކަތް ކުރި ނަމަވެސް، މި މަސައްކަތް ނާކާމިޔާބުވިއެވެ. އިތުރު ވަގުތު ހަމަވިއިރު ސްޕެއިން އޮތީ ކުރީގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *